ހެންވޭރު މަސްވެރިންގެ ޕާކުގައި ޓާމިނަލެއް އަޅަން ހުޅުލެއާއި މާލޭގެ ފެރީ ކޮމެޓީން ނިންމާފައި ވަނިކޮށް ސަރުކާރާ ރައްޔިތުން ހިއްސާވާ ކުންފުނި އެމްޓީސީސީން އެ ތަނުގައި ޓާމިނަލުގެ މަސައްކަތް މިއަދު ފެށުމުން ފެރީ ތަކުގައި މަސައްކަތް ކުރާ މީހުން އެކަމާ ހިތް ހަމަނުޖެހުން ފާޅުކޮށްފި އެވެ.

ހުޅުލެ އާއި މާލެ އާ ދޭތެރޭ ދަތުރު ކުރާ ފެރީތަކުގެ ކަންތައްތައް ބަލަހައްޓާ ފެރީ ކޮމެޓީގެ ރައީސް އަބުދުލް ޢަޒީޒް ބުނީ ފެރީގައި މަސައްކަތް ކުރާ މީހުންނާ މަސްވެރިން 130،000ރ. ހަރަދު ކޮށްގެން އެތަނުގައި ތިން ބުރީގެ ޓާމިނަލެއް އެޅުމަށް ޕްލޭން ކޮށް ސަރުކާރަށް މިދިޔަ އަހަރު ހުށަހަޅާފައިވާ ކަމަށެވެ. އަދި ސީދާ ރައީސް ނަޝީދާ އޭރުގެ ޓްރާންސްޕޯޓު މިނިސްޓަރ މުހައްމަދު އަސްލަމްގެ ހާޒިރުގައި ބައްދަލުކޮށް މަޝްވަރާ ކޮށްފައިވާ ކަމަށް ވެސް އަޒީޒް ބުންޏެވެ.

"އަޅުގަނޑުމެން ސީދާ ރައީސްއާ ބައްދަލުކޮށް މިވާހަކަ ދެއްކިން. އޭރުގެ ޓްރާންސްޕޯޓު މިނިސްޓަރުގެ އަސްލަމްގެ ވެސް ހާޒިރުގައި. އަދި އެ ދުވަހު ރައީސް ވިދާޅުވި ދެން އަހަރުމެންނާ އެ މަސައްކަތް ލަސްނުކޮށް ހަވާލުކުރަންވީނޫންހޭ ވެސް،" އަޒީޒް ބުންޏެވެ.

އަޒީޒް ބުނީ މިއަދު އެއްވާން ޖެހުނީ އެއްވެސް ހުއްދަ އެއް ހޯދުމަކާ ނުލައި އަދި އަންގާ ވެސް ނުލައި އެސަރައްދަށް އެމްޓީސީސީގެ މީހުން 11:30 ހާއިރު ގޮސް މަސައްކަތް ފެށުމާ ގުޅިގެން ކަމަށެވެ.
އަދި އެތަނަށް މީހުން އެއްވެ ހުއްދަ ނުހޯދާ އެތަނުގައި މަސައްކަތް ނުކުރެވޭނެ ކަމަށް އެމީހުން ގާތު ބުނުމުން ދެން އެމީހުން ދިޔައީ ފުލުހުން ގޮވައިގެން ކަމަށް ވެސް އަޒީޒް ބުންޏެވެ.

އެއްވެ ތިބި މީހުން އެ ސަރައްހަދުން ދުރަށް ޖެއްސުމަށް މަސައްކަތްކުރިއިރު، ފުލުހުންނާ އެމީހުންނާ ދެމެދު ކޮންމެވެސް ވަރަކަށް ކުރިމަތިންލުންތަކެއް ހިނގި ކަމަށް އެ ސަރަހައްދުގައި ހުރި ސަންގެ ޖާނަލިސްޓް ބުންޏެވެ. އެގޮތުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިކަން ދެއްކި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޖިޕަށް އެރުވުމުން، ބައެއް މީހުން އެ ޖިޕު ކައިރިއަށް ވެސް އެއްވި ކަމަށާއި ނަމަވެސް، ވަނީ އެމީހާ ދޫކޮށްލުމުން އެއްވި މީހުން ދުރަށް ދިޔައީ ކަމަށް ވެސް އޭނާ މައުލޫމާތު ދިނެވެ.

އެ ސަރަހައްދުގައި އުޅޭ މަސްވެރިންނާ ހުޅުލޭ ފެރީގައި މަސައްކަތް ކުރާ މީހުންނާ އެއްވެގެން މިއަދު ކުރި އެ މުޒާހަރާ މިއަދު ގާތްގަނޑަކަށް 5 ޖަހާއެހާކަންހާއިރު ހުއްޓާލާފައި ވަނީ އެސަރަހައްދުން އެމްޓީސީސީގެ މަސައްކަތު މީހުން ދުރަށް ދިއުމުންނެވެ.

މިކަމާ ގުޅިގެން ޓްރާންސްޕޯޓް އޮތޯރިޓީ އާއި ރައީސް އޮފީހުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.