އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ދިވެހި ޕާސްޕޯޓް ހަދައިދޭ އަގު ބޮޑުކުރަން ނިންމައި އެކަން އިމިގްރޭޝަން ޑިޕާޓްމަންޓުން އިއުލާންކޮށްފި އެވެ.

އިމިގްރޭޝަނުން ރޭ އާންމު ކުރި ބަޔާނެއްގައި ބުނީ ކުރިން 450 ރުފިޔާ އަށް ހަދައިދެމުން އައި އޯޑިނަރީ އިލެކްޓްރޯނިކް 32 ސަފްހާގެ ޕާސްޕޯޓެއް ނޮވެމްބަރު މަހުން ފެށިގެން ހަދައިދޭނީ 1000 ރުފިޔާ އަށް ކަމަށެވެ. އަދި 650 ރުފިޔާ އަށް ހަދައިދެމުން އައި އޯޑިނަރީ އިލެކްޓްރޯނިކް 64 ސަފްހާގެ ޕާސްޕޯޓެއް އެ ތާރީހަށް ފަހު ދެން ހަދައިދޭނީ 1500 ރުފިޔާ އަށް ކަމަށެވެ. އަދި 300 ރުފިޔާ އަށް މިހާރު ހަދައިދޭ ނޮން އިލެކްޓްރޯނިކް ޕާސްޕޯޓެއް ދެން ހަދައި ދޭނީ 600 ރުފިޔާ އަށް ކަމަށެވެ.

އިމިގްރޭޝަނުން ބުނީ، ޕާސްޕޯޓް ހައްދައިދޭ އަގުތަކަށް 2007 ވަނަ އަހަރުގެ ފަހުން ބަދަލެއް ގެނެސްފައި ނުވާ ކަމަށެވެ. އަދި މިހާރު ޕާސްޕޯޓް ދޫކުރަމުން ގެންދަނީ ގެއްލުމާ އެކު ކަމަށްް ވެސް އެ ޑިޕާޓްމަންޓުން ބުންޏެވެ.

އިމިގްރޭޝަނުން ބުނީ ޕާސްޕޯޓުގެ އަގަށް ބަދަލުގެންނަން ނިންމީ، ޕާސްޕޯޓް ޕްރިންޓް ކުރުމާއި ޕްރޮސެސިން އަދި ހޭންޑްލިންގެ އަގަށް ވެސް ބޮޑެތި ބަދަލުތަކެއް އައިސްފައި ވުމާއި ޕާސްޕޯޓަކީ ދައުލަތުގެ މުހިއްމު ލިއުމަކަށް ވީހިނދު، ޕާސްޕޯޓާ މެދު އާންމުންދޭ ސަމާލުކަން އިތުރުކުރުމާއި ޕާސްޕޯޓާ މެދު ރައްކާތެރިވުމަށް ބާރުއެޅުމަށް ކަމަށެވެ.

ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން އަހަރަކު 1000 އަށް ވުރެ ގިނަ ޕާސްޕޯޓް ގެއްލިގެން ހުށަހަޅާ ކަމަށާއި ދިވެހި ޕާސްޕޯޓަކީ ބޭރު ގައުމުތަކުގެ ވިސާ ހޯދުމަށް ފަސޭހަ، އައިކާއާ މިންގަނޑަށް ފެތޭ ގޮތަށް ހަދާފައިވާ ޕާސްޕޯޓަކަށް ވުމުން އޭގެ ނާޖާއިޒު ފައިދާ ކުށްކުރާ ފަރާތްތަކުން ނެގުމުގެ ފުރުސަތު ބޮޑު ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

"މިހާރު ވެސް ޕާސްޕޯޓް ގެއްލިގެން އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ފަސް ވަރަކަށް ފޯމު އެބަހުށަހަޅާ. އެއީ އަހަރެއްގެ މައްޗަށް 1800 ވަރަކަށް ފޯމު. ދެ ހާސް ބާރަ ވަނަ އަހަރަށް ވުރެ 2013 ވަނަ އަހަރު ޕާސްޕޯޓް ގެއްލިގެން ހުށަހެޅި މިންވަރު އިތުރު،" އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް ސަން އަށް ވިދާޅުވި އެވެ.

ޕާސްޕޯޓް ގަވާއިދަށް އަލަށް ގެނައި ބަދަލާ އެކު، ޕާސްޕޯޓު ގެއްލުމުން ނުވަތަ އެ ފަރާތެއްގެ އިހުމާލުން ޕާސްޕޯޓް ހަލާކުވެއްޖެ ނަމަ، ޖޫރިމަނާ ކުރާ އަގުތައް ވެސް ވަނީ ބޮޑުކޮށްފަ އެވެ.