02 Oct 2014, 09:59
މަޝްހޫރު ޑައިރެކްޓަރު އަބްދުﷲ ފައްތާހު ޑައިރެކްޓްކޮށްފައިވާ ފިލްމް "އާދޭސް" ރޭ އޮލިމްޕަހުގައި ޕްރިމިއާކޮށްފި އެވެ.
އެ ފިލްމް ޕްރިމިއާ ކުރުމަށް ރޭ އޮލިމްޕަހުގައި ބޭއްވި ރަސްމިއްޔާތް ޝަރަފްވެރިކޮށްދެއްވީ ޔޫތު މިނިސްޓަރު މަލީހު ޖަމާލު އެވެ. ރޭ ބޭއްވި އެ ރަސްމިއްޔާތުގައި ފިލްމްގައި ހިމަނާފައިވާ ބައެއް ލަވަތައް ކިޔާފައިވާ ބައެއް ފަންނާނުން ވަނީ އެ ލަވަތައް ހުށަހަޅައިދީފަ އެވެ.

އާދޭސް ޕްރިމިއާ ކުރުމަށް ރޭ އޮލިމްޕަސްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ ޔޫސުފް ސޮއްފާނު
ފައްތާހު މިހާތަނަށް އުފައްދާފައިވާ އަސަރުގަދަ ރީތި ޑްރާމާ ސީރީޒުތަކުގެ ސްޓައިލަށް ފުރަތަމަ ފަހަރަށް އުފެއްދި މި ފިލްމާ މެދު ފައްތާހު ބުނީ ފިލްމާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަަމަށެވެ. އަދި މި ފިލްމް އެހާ ފުރިހަމަކަމާ އެކު ނިންމާލެވުނީ ފިލްމުގައި ބައިވެރިވި ހުރިހާ ތަރިންގެ ވެސް ސަޕޯޓާ އެކު ކަމަށް ވެސް އޭނާ ބުންޏެވެ.

އާދޭސް ޕްރިމިއާ ކުރުމަށް ރޭ އޮލިމްޕަސްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ ޔޫސުފް ސޮއްފާނު
ރީތި ލަވަތަކަކާ އެކު އާއްމުންނާ ހަމައަށް ރޭ ގެނެސްދީފައިވާ އެ ފިލްމަކީ މައިވަންތަކަމުގެ ލޯތްބާއި ކުލުނާއި އިހުސާސްތައް ދައްކުވައިދޭ އަސަރު ގަދަ ފިލްމެކެވެ.

އާދޭސް ޕްރިމިއާ ކުރުމަށް ރޭ އޮލިމްޕަސްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ ޔޫސުފް ސޮއްފާނު
ޑޭޝް ސްޓޫޑިއޯގެ ކުރީގެ ވެރިޔާ މަރްހޫމް ހަސަން އަލީގެ ސްކްރިޕްޓަކަށް އުފައްދާފައިވާ އެ ފިލްމްގެ ތަރިންގެ ތެރޭގައި މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދު އާއި ހުސެން ސޮބާހު ހިމެނެ އެވެ. މީގެ އިތުރުން އާމިރާ ހުސެއިނާއި މޫސާ ޒަކަރިއްޔާ އަދި ފާތިމަތު އާޒިފާ ވެސް ހިމެނެ އެވެ.

އާދޭސް ޕްރިމިއާ ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ ޔޫސުފް ސޮއްފާނު
އެ ފިލްމްގެ ފުރަތަމަ ޝޯ ހައުސްފުލް ވެފައިވާ އިރު ފިލްމް އަންނަ މަހުގެ 11 އާ ހަމައަށް އޮލިމްޕަސް ސްކްރީންގައި އަޅުވާާ ގޮަތަށް ވަނީ ހަމަޖައްސައިފި އެވެ.