މައްކާ (އޮކްޓޯބަރ 2) : މި އަހަރުގެ ޙައްޖުގެ އަޅުކަން ފެށުމަށް ޓަކައި ޙައްޖުވެރިން މިނާގެ މަޝްޢަރަށް މިއަދު ދާނެ ކަމަށް ސައޫދީ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފި އެވެ.

މިއަދަކީ މިނާގެ މަޝްއަރަށް ދިޔުމުގެ ދަތުރުފަށާ ތަރްވިޔާގެ ދުވަސް ކަމަށާ ޙައްޖުވެރިން މިރޭ ތިބޭނީ މިނާގައި ކަމަށް ހައްޖުގެ ކަންތައްތަކާ ބެހޭ ސައޫދީ ވުޒާރާ ހަވާލާދީ އެގައުމުގެ މީޑިޔާ ބުނެ އެވެ. ހައްޖުވެރިން މިރޭ މިނާގައި ތިބުމަށް ފަހު މާދަމާ އެމީހުން އަރަފާތުގެ ބިމަށް ދާނެ އެވެ. މި އަހަރުގެ ހައްޖު ދުވަސް ދިމާވަނީ ހުކުރު ދުވަހާ އެވެ. އެހެންކަމުން މާދަމާގެ ހެނދުނުން ފެށިގެން ހަވީރު އިރުއޮއްސެންދެން ހައްޖުވެރިން ތިބޭނީ އަރަފާތުގެ މާތް ބިމުގަ އެވެ.

ހައްޖުމަހުގެ ނުވަވަނަ ދުވަސް ކަމަށްވާ އަރަފާތުގެ ދުވަހު ހައްޖުވެރިން އަރަފާތުގެ ބިމުގައި ތިބުމަކީ ހައްޖުގެ އެންމެ މުހިއްމު އަދި އެންމެ ބޮޑު ރުކުނެވެ. މިރުކުނާ ނުލައި ހައްޖުގެ އަޅުކަން ފުރިހަމައެއް ނުވާނެ އެވެ. އަރަފާތުގެ ބިމުގައި ހައްޖުވެރިން ތިބޭ އިރު އަޅުކަން ކުރުމާއި ތަލްބިޔާ ކިޔުމާއި ތަކްބީރު ކިޔުމާ އަދި ޛިކުރު ކުރުމާ އެކު މާތް ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޒްރަތަށް ދުޢާ ކުރުމުގައި މާދަމާގެ ހެދުނުން ފެށިގެން ހަވީރު އިރު އޮއްސުމާ ހަމައަށް ހައްޖުވެރިން ދެމި ތިބޭނެ އެވެ. އެއަށް ފަހު މާދަމާރޭ ނުވަތަ އީދުވިލޭރޭ ހައްޖުވެރިން ދާނީ މުޒްދަލިފާ އަށެވެ.

އެރޭ މުޒްދަލިފާގައި ތިބުމަށް ފަހު އީދު ދުވަހު ޙައްޖުވެރިން އަނެއްކާ ވެސް މިނާއަށް އައިސް ޖަމްރާތަކަށް ހިލައުކުމާއި ހަދްޔު ކަތިލުމުގެ ކަންތައް ކުރިޔަށް ގެންދާނެ އެވެ. އެއަށް ފަހު ތަވާފުލް އިފާޟާ ފުރިހަމަ ކުރުމުން ޙައްޖުގެ އަޅުކަން ނިމުނީ އެވެ.

މި އަހަރުގެ ޙައްޖު މޫސުމުގައި ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ޓަކައި ތިން މިލިޔަނެއްހާ މުސްލިމުން މާތްވެގެންވާ މައްކާގެ މުގައްދަސް ބިންތަކަށް އައިސްފައިވާ ކަމަށް ސައޫދީ ސަރުކާރުން ބުނެ އެެވެ. ސައޫދީ ސަލާމަތީ ޚާއްސަ ބާރުތަކުގެ ކޮމާންޑުން ހާމަކުރާ ގޮތުގައި އެބާރުތައް މިހާރު ވަނީ މި އަހަރުގެ ހައްޖު މޫސުމަށް ފުރިހަމައަށް ތައްޔާރުވެފަަ އެވެ. މިގޮތުން މައްކާއާއި މުޤައްދަސް އެހެން މަޝާއިރުތަކުގައި ބައިލައްކައަށް ވުރެ ގިނަ ސިފައިންނާއި ފުލުހުން މިހާރު ވަނީ ފުރިހަމައަށް ރުކުރުވާލައި ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރި ކަމަށް ޓަކައި ކުރަން ޖެހޭ އެންމެހާ ކަންތައްތައްކޮށް ނިންމާފަ އެވެ. އަދި ހައްޖުވެރިންނަށް ފަސޭހަ ކުރުމުގެ ގޮތުންނާއި ތޮއްޖެހުމުން ސަލާމަތް ކުރުމުގެ ގޮތުން ސަފާއާއި މަރުވާއާ ދެމެދުގައިވާ ބްރިޖްގައި ހަރަކާތްތެރިވުމުގެ ކަންތައް ވެސް ކުރީ އަހަރުތަކަށް ވުރެ މި އަހަރު ފަސޭހަ ގޮތަކަށް އިންތިޒާމް ކޮށްފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.

މީގެ އިތުރުން ހައްޖުވެރިންގެ ތެރޭގައި އާދަޔާ ޚިލާފު އެއްވެސް ބަލިމަޑުކަމެއް އަދި ރޯގާއެއް ފެތުރެމުން ނުދާކަމަށާއި ހައްޖުވެރިންގެ ސިއްހަތަށް ޓަކައި ވާން ޖެހޭ އެންމެހާ ތައްޔާރީތައް ވެސްވެ ނިމިފައިވާ ކަމަށް ސައޫދީ މަސްއޫލުވެރިންނާ ހަވާލާދީ އެގައުމުގެ މީޑިޔާ ބުނެ އެވެ. (ސައޫދީ މީޑިޔާ)