ޙިމްސް (އޮކްޓޯބަރ 2) : ސޫރިޔާގެ ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައިވާ ރަށެއް ކަމަށްވާ ޙިމްސްގައި ކާރުބޮމުގެ ދެ ބޮން ގޮއްވާލައިންގެ ދިން ނުރައްކާތެރި ޙަމަލާތަކެއްގައި 30 ކުޑަކުދިން މަރުވެ 80 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ އެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ސޫރިޔާގެ ޖަމާއަތެއް ކަމަށްވާ "ސީރިޔަން އޮބްޒަވޭޓްރީ ފޯ ހިޔުމަން ރައިޓްސް" އިން ބުނީ އެ ދެ ބޮން ގޮއްވާލާފައި ވަނީ ކުޑަ ކުދިން ގިނަ އަދަދަކަށް މެރުމަށް އަމާޒުކޮށްގެން ކަމަށް ބެލެވޭ ކަމަށާއި އެ ދެ ޙާދިސާގައި ޖުމުލަ 39 މީހުން މަރުވި ކަމަށާއި އޭގެ ތެރެއިން 30 މީހުންނަކީ ހަ އަހަރާއި ނުވަ އަހަރުގެ ކުޑަކުދިން ކަމުގަ އެވެ. އެ ދެ ކާރުބޮން ގޮއްވާލާފައި ވަނީ ޙިމްސްގެ މެދުތެރޭގައިވާ އިކްރިމާ ސަރަހައްދުގެ ސްކޫލެއްގެ ކިޔެވުން ނިމުމާ އެކު ގިނަ އަދަދެއްގެ ސްކޫލް ކުދިން ގެއަށް ދަނިކޮށް އެކުދިންނަށް އަމާޒުކޮށްގެން ކަމަށް ބެލެވޭ ކަމަށް "ސީރިޔަން އޮބްޒަވޭޓްރީ ފޯ ހިޔުމަން ރައިޓްސް" އިންނާއި ސޫރިޔާ ސަރުކާރުން ވެސް ބުނެ އެވެ.

ޙިމްސްގެ ގަވަރުނަރު ތަލާލް އަލް ބަރާޒީ ވަނީ މިއީ ސޫރިޔާގެ ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރާ ޓެރަރިސްޓު ޖަމާއަތްތަކުން ހިންގި ޖަރީމާއެއް ކަމަށް ސިފަކުރައްވާފަ އެވެ. ޙިމްސްގައި އިއްޔެ ކާރު ބޮމުގެ ޙަމަލާތައް ދިން އިކްރިމާ ސަރަހައްދަކީ ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދު ނިސްބަތްވެ ވަޑައިގަންނަވާ އަލަވީ މަޛްހަބުގެ މީހުންގެ އަޣްލަބިއްޔަތެއް އޮންނަ ސަރަހައްދެކެވެ. ސޫރިޔާގެ ރަސްމީ ޓީވީ އިން ވަނީ ސޫރިޔާގައި ހިންގަމުން ގެންދާ ޓެރަރިސްޓް ޙަމަލާތަކުގެ ޒިންމާ އިދިކޮޅު ފަރާތްތަކަށް ހިއްވަރުދޭ ހުޅަނގުގެ ގައުމުތަކާއި އަރަބި ގައުމުތައް އުފުލަން ޖެހޭނެ ކަމަށް ބުނެ ޓެރަރިޒަމަށް އެހީވާކަމުގެ ތުހުމަތު މިފަރާތްތަކުގެ މައްޗަށްކޮށްފަ އެވެ.

ނަމަވެސް ސޫރިޔާގެ ސަރުކާރަކީ ވެސް ވެރިކަން ދިފާއު ކުރުމަށްޓަކައި އެގައުމުގެ އާންމު ރައްޔިތުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގާ ކަމަށް ތުހުމަތު ކުރެވޭ ސަރުކާރެކެވެ. (އަލްޖަޒީރާ)