ނިމިގެންދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި މެންޗެސްޓާ ޔުނައިޓެޑުން ފާޅުކުރި ޝައުގުވެރިކަމަށް މާބޮޑު އަޅާލުމެއް ނުދިނީ ޗެމްޕިއަންސް ލީގުގައި ކުޅެން ބޭނުންވާތީ ކަމަށް ހޮލަންޑްގެ މިޑްފީލްޑަރު ވެސްލީ ސްނައިޑާ ބުނެފި އެވެ.

އުމުރުން 30 އަހަރުގެ ހުނަރުވެރި މިޑްފީލްޑަރު ބުނީ ޔުނައިޓެޑަށް ނޫނެކޭ ބުނީ ޗެމްޕިއަންސް ލީގުގައި ކުޅެން ބޭނުންވިލެއް ބޮޑުކަމުން ކަމަށާއި އެ މުބާރާތުގައި ނުކުޅެ ހުންނަން ވަރަށް އުނދަގޫ ވާނެ ކަމަށެވެ.

"އަހަރެންނަށް އިނގޭ ޔުނައިޓެޑުން އަހަރެންނަށް ވަރަށް ބޮޑަށް ޝައުގުވެރިކަން ފާޅުކުރިކަން. ނަމަވެސް އަހަރެން ވަރަށް ބޭނުން ޗެމްޕިއަންސް ލީގުގައި ކުޅެން. ހީވަނީ އަހަރެންނަށް ވަރަށް އުނދަގޫ ވާނެހެން ޗެމްޕިއަންސް ލީގުގައި ނުކުޅެ ހުންނަން. ހަމައެއާ އެކީގަ ތުރުކީގައި އަހަރެން މިހުންނަނީ ވަރަށް އުފަލުން." ސްނައިޑާ ބުންޏެވެ.

ސްނައިޑާ ބުނީ މިހާރު ޔުނައިޓެޑްގެ ކޯޗަކަށް ހުރި ވެން ހާލް އަކީ މޮޅު ކޯޗެއް ކަމަށާއި އޭނާ އަކީ މިހާރު ކޯޗިން ދާއިރާގައި އުޅޭ އެންމެ ވިސްނުން ތޫނު އެއް ކޯޗު ކަމަށެވެ.

" ވެން ހާލް އަކީ މޮޅު ކޯޗެއް. އަހަރެން ބުނާނީ މިހާރު ކޯޗިން ދާއިރާގައި މަސަތްކަތް ކުރާ މީހުންގެ ތެރެއިން އެންމެ ވިސްނުން ތޫނު އެކަކު އޭނާ އަކީ،" ސްނައިޑާ ބުންޏެވެ.

ސްނައިޑާ ވަނީ ނެދަލޭންޑްސް ޓީމާ އެކީގައި މިހާރު ޔުނައިޓެޑްގެ ކޯޗަކަށް ހުރި ވެން ހާލް ގެ އިރުޝާދުގެ ދަށުން މިއަހަރު ބްރެޒިލްގައި ބޭއްވި ފީފާ ވޯލްޑް ކަޕުގެ ތިންވަނަ ހޯދާފައެވެ.