ރާއްޖެ ބަދުނާމުކޮށް ވާހަކަފުޅުދައްކަވާ ރައީސަކަށް ދައުލަތުން ދެމުންދާ އިނާޔަތް ހުއްޓާލަން ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅާނެ ކަމަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުން ބުނުމުން، ރައީސް ނަޝީދު އެކަމަށް ރައްދު ދެއްވައިފި އެވެ.

އެމަނިކުފާނު އެކަމަށް ރައްދު ދެއްވައި މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ސިޔާސީ މަސައްކަތް ކުރަމުން ގެންދަވަނީ ފައިސާގެ ބޭނުމުގައި ނޫން ކަމަށާއި އެ މަސައްކަތް ކުރަމުން ގެންދަނީ ދިވެހި ރައްޔިތުންނަށްޓަކައި ކަމަށެވެ. އަދި ވިދާޅުވީ އެމަނިކފާނުގެ ސިޔާސީ މަސައްކަތަކީ ދިވެހި ރައްޔިތުންނަށްޓަކައި ކުރަމުންދާ މަސައްކަތެއްކަން ޕީޕީއެމްގެ ބޭފުޅުންނަށް "އިހްލާސްތެރިކަމާއެކު ދަންނަވާ" ކަމަށެވެ.



ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރު ރިޔާޒު ރަޝީދު ވިދާޅުވީ ކުރީގެ ރައީސަކު ރާއްޖެ ބަދުނާމުވާ ގޮތަށް ވާހަކަފުޅު ދައްކަވައިފިނަމަ ދައުލަތުން އެ ބޭފުޅަކަށް ދެމުން ގެންދާ އިނާޔަތް 10 އަހަރަށް ނުވަތަ 15 އަހަރަށް ހުއްޓާލަން މަޖިލީހަށް އިސްލާހެއް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.

ޕީޕީއެމުންގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ނައިބު ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ ރާއްޖެ ބަދުނާމުވާ ގޮތަށް ރައީސް ނަޝީދު ވާހަކަފުޅު ދައްކަފުޅު ދައްކަވަމުންދާއިރު ދައުލަތުން ބޮޑެތި ހޭދަތައް އެމަނިކުފާނަށް ކުރުމަކީ "ހަމަ ނުޖެހޭ" ކަމެއް ކަމަށެވެ.

"އެ މުސާރަ އެގޮތަށް ނަންގަވައިގެން އެ މަސައްކަތްޕުޅު ކުރެއްވުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫން. އެހެންވީމަ އަޅުގަނޑަށް ހީވަނީ [ކުރީގެ ރައީސުނަށް ދޭ އިނާޔަތާއި ބެހޭ ގާނޫނު] އިސްލާހު ކުރަން ވެއްޖެ. އެއީ އެމަނިކުފާނަށް ކަންކުރާނެ ގޮތަކަށް ކުރައްވަން ދޫކުރެއްވީމަ ކަންކުރައްވަނީ މިހެން،" ނިހާން ވިދާޅުވި އެވެ.