ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމްކޮށްފައިވާ ޔޫތު މިނިސްޓްރީގެ މަރުކަޒުތަކަށް އުރީދޫގެ މޯބައިލް ވާޗުއަލް ޕްރައިވެޓް ނެޓްވޯކް (އެމްވީޕީއެން)ގެ ޚިދުމަތް ތައާރަފުކޮށް އެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

އެމްވީޕީއެން ޚިދުމަތަކީ ކޯޕަރޭޓް ކްލައިންޓުންނަށް ހާއްސަކޮށް އުރީދޫ އިން ފަރުމާކޮށްފައިވާ ސާވިސް ޕެކޭޖެކެވެ. ގަދަމޫ ބިލްޑިންގުގައި ހުންނަ އުރީދޫގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ޚިދުމަތުގެ އެއްބަސްވުމުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޔޫތު މިނިސްޓަރު މުޙައްމަދު މަލީހު ޖަމާލެވެ. އުރީދޫގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ވިކްރަމް ސިންހަ އެވެ.

ސޮއިކުރެއްވުމަށްފަހު ޔޫތު މިނިސްޓަރު މަލީހު ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ ގާތްގަނޑަކަށް 25 ވަރަކަށް ޔޫތު ސެންޓަރަށް އިންޓަނެޓްގެ އިތުރުން މުވާސަލާތީ ގުޅުމުގެ ޚިދުމަތް ލިބޭނެ ކަމަށާއި އެކަން ކޮށްދީފައި ވަނީ ގާތްގަނޑަކަށް 500 ރުފިޔާ އަށްވުރެ ވެސް ކުޑަ ބަޖެޓެއްގައި ކަމަށެވެ.

"މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ކަންކޮޅުތަކުގައި ތިބި ދިވެހި ޒުވާނުންނަށް އަމާޒުކޮށްގެން އަޅުގަނޑުމެން ހިންގާ ޕްރޮގްރާމްތައް ހިންގަން ފަސޭހަވާނެ. އަދި މިއީ އަޅުގަނޑުމެންގެ ބަޖެޓަށް ވެސް ލިބުނު ވަރަށް ބޮޑު ލުޔަކަށް ވެގެންދާނެ،" މަލީހު ވިދާޅުވި އެވެ.

މަލީހު ވިދާޅުވީ ޒުވާނުންގެ މަރުކަޒުތަކުގެ ވަސީލަތްތައް ހަމަ ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި އެ މަސައްކަތުގެ ތެރޭގައި ވެސް ތައުލީމު ލިބޭނެ ގޮތްތައް ހެދުމަށް އިސްކަންދެއްވާ ކަމަށެވެ.

"ޒުވާނުންގެ މަރުކަޒުތަކުގައި ވަސީލަތްތައް ހަމަކުރަން މިދަނީ ވަރަށް ބާރަށް މަސައްކަތް ކުރަމުން. އެ މަސައްކަތްތަކުގެ ތެރޭގައި ގޭގައި ދަތިކަން ހުރި ފަރާތްތަކަށް އަޅުގަނޑުމެންގެ ސެންޓަރުތަކުގައި ހުރި ވަސީލަތްތައް ބޭނުންކޮށްގެން ތައުލީމު ލިބޭނެ އެކި ޕްރޮގްރާމްތައް ކުރިއަށް ގެންދަން އަޅުގަނޑުމެން އިސްކަން ދޭނަން،" މަލީހު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސޯޝަލް ސެންޓަރުގައި މިހާރު ވެސް އެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް ނޭޝަނަލް އާޓް ގެލެރީގައި މިނިސްޓްރީގެ ލައިބްރަރީގެ ތިރީގައި ހުރި ޖާގަވެސް އެފަދަ ފަރާތްތަކަށް ޙިދުމަތް ދިނުމަށް ހާއްސަކޮށް ހުޅުވާލާނެ ކަމަށެވެ.

އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ، ޔޫތު މިނިސްޓްރީއާއެކު މިއަދު ވެފައިވާ އެއްބަސްވުމުގެ ދަށުން ޔޫތު މިނިސްޓްރީގެ މަސައްކަތްތައް ކުރަން ފަސޭހަވުމާއި ދިވެހި ޒުވާނުންނަށް ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އިތުރުން މުވާސަލާތީ ޚިދުމަތުގެ އަގުތައް މެނޭޖްކުރަން ފަސޭހަވެގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރާނަން އަޅުގަނޑުމެންގެ ކޯޕަރޭޓް ކަސްޓަމަރުންނަށް އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެހީގައި އެބޭފުޅުންގެ މަސައްކަތްތަކަށް އިތުރު ފަސޭހައެއް ލިބޭނެ ޚިދުމަތްތަކެއް ފޯރުކޮށްދޭން،" އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވި އެވެ.

އެ ޚިދުމަތް ޔޫތު މިނިސްޓްރީއަށް ތައާރަފުކުރުމުގެ ސަބަބުން އެ މިނިސްޓްރީގެ މުވައްޒަފުންނަށް ހިލޭ ކޯލް އަދި އެސްއެމްއެސް ފޮނުވޭނެ ކަމަށް އުރީދޫ އިން ބުންޏެވެ.