01 Oct 2014, 15:49
ހައްޖަށް މީހުން ގެންގޮސްދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ނެގި ކަމަށާއި އެ ފައިސާ އަނބުރާ ދޭން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް މަލީޝާ ހައްޖު އެންޑް އުމްރާ ސާވިސަސްގެ ވެރިޔާ އިސްމާއީލް އަބްދުއްލަތީފް ވިދާޅުވެއްޖެ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އިސް ގާޒީ އަބްދުﷲ މުހައްމަދު ކުރެއްވި ސުވާލުގެ ޖަވާބުގައި އިސްމާއީލް އަބްދުއްލަތީފް ވިދާޅުވީ ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ މީހުންގެ އަތުން ފައިސާ އަތުލާފައިވާނެ ކަމަށެވެ. އަދި އެމީހުން ހައްޖަށް ގެންދެވިފައި ނުވާތީ އެ ފައިސާ އަނބުރާ ދޭންޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދައުލަތުން ގިނަ އަދަދެއްގެ ހެކިތަކެއް ހުށަހެޅީ ކީއްވެގެންތޯ ގާޒީ އެއްސެވުމުން ދައުލަތުގެ ވަކީލާ ވިދާޅުވީ ގިނަ ހެކިތައް ހުށަހަޅާފައި ވަނީ މަލީޝާ އަށް ފައިސާ ދެއްކި މީހުންނަށް އަނބުރާ ފައިސާ ލިބިފައިނުވާކަން ސާބިތުކުރުމަށް ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވެސް ވަނީ ދައުލަތުން ހުށަހަޅާފައިވާ ބައެއް ހެކީންގެ ހެކިބަސް ނަގާފަ އެވެ.
ދައުލަތުގެ ވަކީލާ ވިދާޅުވީ ބާކީ ތިބި ހެކީންގެ ހެކިބަސް ނެގުމާ މެދު ޕްރޮސިކިއުޓާ ޖެނެރަލްއާ މަޝްވަރާ ކުރެއްވުމަށް ފަހު ގޮތެއް ނިންމަވާނެ ކަމަށެވެ.
މަލީޝާގެ ސަބަބުން ހައްޖަށް ނުދެވި ތިބި މީހުން ހައްޖަށް ގެންދިޔުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. އެގޮތުން މިފަހަރު ވެސް އޭގެ ތެރެއިން ބައެއް މީހުން ސަރުކާރުން ވަނީ ހައްޖަށް ފޮނުވާފަ އެވެ.