ސެން ފްރެންސިސްކޯގައި މީޑިއާއަށް ބޭއްވި ހަފްލާއެއްގައި މައިކްރޯސޮފްޓުގެ އާ އޮޕަރޭޓިންގް ސިސްޓަމް (އޯއެސް) ވިންޑޯސް 10 ދައްކާލައިފި އެވެ.

މީގެ ކުރިން ގިނަ 'ޓެކް' މީޑީއާ ތަކަކުން ވިންޑޯސް 9ގެ ނަމުގައި ނެރޭނެ ކަމަށް ހީކޮށްގެން ތިބި އޯއެސް އިއްޔެ ދައްކާލާފައިވާއިރު އޭގެ ނަން ވަނީ ބަދަލު ކޮށްފައެވެ.

ވިންޑޯސް 7އާއި ވިންޑޯސް 8 ނެރުމަށްފަހު އޯއެސް ސީރީޒްގައި ނުވައެއް ނުހިމެނުމުން ގިނަ ބައެއްގެ ހިތުގައި ސުވާލު އުފެދިދާނެއެވެ. ނަމަވެސް މައިކްރޯސޮފްޓުން ބުނާގޮތުގައި ނަމަށް ބަދަލު ގެނައުމުގެ މަގުސަދަކީ ވިންޑޯސްގެ ހުރިހާ ޕްރޮޑަކްޓް ތަކެއް 'ޔުނިފައި' ކުރުމަށްޓަކައި އެޅޭ ފިޔަވަޅެއް ގޮތުން ކުރެވޭ ކަމެކެވެ.

'ޔުނިފައި' ކުރުމުގެ ބޭނުމަކީ ވިންޑޯސްގެ ހުރިހާ ޑިވައިސްތަކަށް ބޭނުން ކުރުމުގައި ފަސޭހަ ތަކަކާއި ހަރަދު ކުޑަގޮތްތަކެއް ހެދުމެވެ. ޔުނިފައި ކުރުމާއެކު ވިންޑޯސް ފޯނަކަށް ގަންނަ އެފްލިކޭޝަނެއް ނުވަތަ ގޭމެއް ވިންޑޯސްގެ ޓެބްލެޓަކަށް ނުވަތަ ކޮމްޕިއުޓަރަކަށް ވެސް ބޭނުން ކުރެވޭނެއެވެ. އެހެންކަމުން އެޕްލިކޭޝަނެއް އެއްފަހަރު ގަތުމަށްފަހު އެހެން ޑިވައިސްއަކަށް ވަކިވަކީން ގަންނާކަށް ނުޖެހޭނެއެވެ.

ވިންޑޯސް 8 އާ އެކު ގެއްލިގެންދިޔަ މައިކްރޯސޮފްޓު ވިންޑޯސްގެ 'ސްޓާޓް މެނޫ' ވިންޑޯސް 10ގައި މިފަހަރު ވަނީ ހިމަނައިފައެވެ. ވިންޑޯސް 8ގައި ސްޓާޓް މެނޫ ގެއްލި 'ސްޓާޓް ސްކްރީނެއް' ވަނީ ތައާރަފު ވެފައެވެ. ނަމަވެސް ގިނަ ބަޔަކަށް އެ ބަދަލުވުން އުނދަގޫ ވުމާއެކު ސްޓާޓް މެނޫ ވަނީ އަނބުރާ ގެނެސްފައެވެ.

މައިކްރޯސޮފްޓުން ވަނީ ވިންޑޯސް 8ގެ 'ޗާމްސް ބާ' ވެސް ވިންޑޯސް 10ގައި ނުހިމެނިދާނޭ ކަމުގެ އިޝާރާތެއް ކޮށްފައެވެ. ނަމަވެސް 'މަލްޓި ޑެސްކްޓޮޕް' ކިޔާ ފީޗާއެއް ވިންޑޯސް 10ގައި ވަނީ ތައާރަފު ކޮށްފައެވެ. މީގެ ބޭނުމަކީ އެކި ޑެސްކްޓޮޕްގައި ތަފާތު އެޕްލިކޭޝަން އަޅުވާފަދައިން އާ ޓެބެއް ހުޅުވައިގެން އެޕްލިކޭޝަންތައް ހުޅުވުމެވެ.

ވިންޑޯސް އޯއެސް ބޭނުންކުރާ ފަރާތްތަކުގެ 51.2 އިންސައްތަ އަދިވެސް ބޭނުން ކުރަނީ ވިންޑޯސް 7 އެވެ. ވިންޑޯސް އެކްސްޕީ ބޭނުން ކުރަނީ 23.9 އިންސައްތައަށް ވާއިރު ވިންޑޯސް އެއިޓް ނުވަތަ 8.1 ބޭނުން ކުރަނީ އެންމެ 13.4 އިންސައްތައެވެ. އެކްސްޕީ ގިނަ އަދަދަކަށް ބޭނުން ކުރި ކަމުގައި ވިޔަސް މައިކްރޮސޮފްޓުން މިހާރު ވިންޑޯސް އެކްސްޕީއަށް ސަޕޯޓު ފޯރުކޮށެއް ނުދެއެވެ.

ވިންޑޯސް 10ގެ 'ބީޓާ ވާޝަން' ޓެސްޓުކުރުމަށް މިއަދު ދޫކުރަން ފަށާއިރު އާންމުކޮށް މި އޮޕަރޭޓިން ސިސްޓަމް ނެރޭނީ އަންނަ އަހަރުގެ ކުރީކޮޅުގައެވެ.