01 Oct 2014, 14:20
ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ފްރާންސްގެ ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ) އަތުން ބަލިވެފައިވާތީ ބާސެލޯނާއަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް އެ ޓީމުގެ މިޑްފީލްޑަރު ޚަވިއާ މަޝަރާނޯ ބުނެފި އެވެ.
ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުން އެޕޮއެލްއާ ބައްދަލުކޮށްގެން 1-0 އިން މޮޅުވި ނަމަވެސް ރޭގެ މެޗުގައި ޕީއެސްޖީއިން ވަނީ ބާސެލޯނާގެ ޑިފެންސްލައިން ތިންފަހަރަކު ފޫއަޅުވާލައިފައެވެ.
މެޗުގެ ފުރަތަމަކޮޅުގައި ލައިނަލް މެސީ ވަނީ ބާސާއަށް ލަނޑެއް ކާމިޔާބުކޮށްދީފައެވެ. އަދި މެޗުގެ ފަހު ވަގުތު ނޭމާގެ ފަރާތުން ވެސް ލަނޑެއް ފެނިގެން ދިޔަ ނަމަވެސް ބާސާއަށް ޕީއެސްޖީއާ އެއްވަރެއް ނުކުރެވުނެވެ.
މަޝަރާނޯ ބުނީ ކާމިޔާބަކީ މަސައްކަތްކޮށްގެން ލިބޭ އެއްޗެއް ކަމަށާއި ކާމިޔާބަކީ އެއްވެސް ބަޔަކަށް ހަވާލު ކުރެވޭނޭ އެއްޗެއް ނޫން ކަމަށެވެ.
"އެއްވެސް ބަޔަކަށް މޮޅުވުމެއް 'ހައްގެއް' ނުވާނެ. ކާމިޔާބަކީ ލިބޭ އެއްޗެއް ނޫން. ކާމިޔާބީއަށް ވާސިލް ވެވޭނީ އެއަށް ބުރަކޮށް މަސައްކަތް ކޮށްގެން. ފުރަތަމަ ހާފުގެ ފެށުން އަހަރެމެންގެ ރަނގަޅެއް ނޫން. އެހެންވެ ދެވަނަ ހާފުގައި ހާލުގައި ޖެހުނީ،" މަޝަރާނޯ ބުންޏެވެ.
ބާސެލޯނާގެ މިޑްފީލްޑަރު ބުނީ މެޗަކުން ބަލިވުމަކީ ހިތާމަ ކުރަން ޖެހޭ ކަމެއް ކަމަށާއި އިތުރަށް ކުޅުން ރަނގަޅު ކުރަން ޖެހޭނެ ކަމަށެވެ.
"މިކަހަލަ ބޮޑެތި މެޗުތަކުގައި ކުދިކުދި ކުށް ކުރުމަށް އެއްވެސް ތަނެއް ނެތް. މެޗުތަކުން ބަލި ވުމަކީ ދެރަވާ ކަމެއް. ވަރަށް ކަންބޮޑުވާ ކަމެއް. އަހަރެމެން އެބަ ޖެހޭ ކުރިއަށްވުރެ ވަރަށް ބޮޑުތަން ރަނގަޅު ކުރަން. އަދި މިއީ ބަލިވީކީ ނޫން،" މަޝަރާނޯ ބުންޏެވެ.
ގްރޫޕް ސްޓޭޖުގައި ބާސެލޯނާ ކުޅުނު ދެމެޗުގެ ތެރެއިން މޮޅުވެފައިވަނީ އެއް މެޗުންނެވެ. އެހެންނަމަވެސް ގްރޫޕް އެފްގައި ޕީއެސްޖީ ކުޅުނު ދެ މެޗުންވެސް އެ ކްލަބު ވަނީ މޮޅުވެފައެވެ.