01 Oct 2014, 14:04
ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް މަނީޝާ ކޮއިރަލާ، ކެންސަރުގެ ބައްޔަށް ފަރުވާ ލިބިގަތުމަށް ފަހު އަނެއްކާވެސް ފިލްމީ ދުނިޔެއިން ފެނިގެންދާނެ ކަމުގެ ޚަބަރުތައް ފެތުރިއްޖެއެވެ.
މަނީޝާގެ މެނޭޖަރު ބުނިގޮތުގައި ރަހިމުގެ ކެންސަރު ބައްޔަށް އޮޕެރޭޝަނެއް ކުރުމަށް ފަހު މަނީޝާ މިހާރު ހުރީ ގަދަވެ ހެޔޮހާލުގަ އެވެ. އަދި މަނީޝާ ފިލްމް ތަކުގެ ސްކްރިޕްޓް ތައް ކިޔަމުން އަންނަ ކަމަށާއި ރާޖްކުމާރް ސަންތޯޝީ ގެ އާ ފިލްމެއް ކުޅެން ވަރަށް އަވަހަށް އެއްބަސްވާނެ ކަމަށް ވެސް މެނޭޖަރު ބުންޏެވެ.
"މަނީޝާ އަށް އެ ފިލްމްގެ ސްކްރިޕްޓް ވަރަށް ކަމުދޭ. ހުރިހާ ކަމެއް ރަނގަޅަށްދާ ނަމަ، އަންނަ ޖެނުއަރީގައި އެ ފިލްމްގެ ޝޫޓިން ފެށޭނެ. ފިލްމްގައި މަނީޝާ ކުޅޭނީ ލީޑް ރޯލް،" އިންޑޯ އޭޝިއަން ނިއުސް ސާވިސް އަށް ދިން އިންޓަވިއުއެއްގައި މަނީޝާގެ މެނޭޖަރު ބުންޏެވެ.
މަނީޝާ ވަނީ 2001 ވަނަ އަހަރު ވެސް ސަންތޯޝީ ގެ ފިލްމެއް ކަމަށްވާ "ލައްޖަ" ގައި އެކްޓް ކޮށްފައެވެ. މަނީޝާ ލީޑްރޯލް ކުޅެން ތައްޔާރުވަމުން އަންނަ ސަންތޯޝީގެ އާ ފިލްމް ވާނީ ވަރަށް އާދަޔާ ޚިލާފު ފިލްމަކަށް ކަމަށް ގިނަ ބަޔަކު ދެކެއެވެ.
ނޭޕާލަށް އުފަން މަނީޝާގެ މަޝްހޫރު ފިލްމްތަކުގެ ތެރޭގައި "އަގްނީޝާކްޝީ"، "ދިލްސޭ"، "އަކޭލޭހަމް އަކޭލޭތުމް"، 'ޚާމޯޝީ"، "ސަނަމް"، "މަން"، "ބޫތް ރިޓާންސް" އަދި "ސައުދާގަރް" ހިމެނެއެވެ.
މަނީޝާ ވަނީ 2010 ވަނަ އަހަރު ނޭޕާލްގެ ވިޔަފާރި ވެރިޔަކާ ކައިވެނިކޮށްފަ އެވެ. ނަމަވެސް 2012 ވަނަ އަހަރު އެކައިވެނި ވަނީ ރޫޅިފައެވެ. އަދި ހަމަ އެއަހަރު މަނީޝާ އަށް ރަހިމުގެ ކެންސަރު ޖެހިފައިވާކަން މީޑިޔާތަކުގައި ހާމަކުރިއެވެ. 2012 ވަނަ އަހަރުގެ ޑިސެމްބަރުގައި އެމެރިކާގެ ހޮސްޕިޓަލަކުން މަނީޝާ ވަނީ ރަހިމުގެ ކެންސަރުގެ އޮޕަރޭޝަން ކޮށް ފަރުވާ ހޯދާފައެވެ.
"މިހާރު އަހަރެންގެ މަގްސަދަކީ ހާލުގައި ޖެހިފައިވާ މީހުންނާއި އެހީތެރިކަމަށް ބޭނުންވާ މީހުންނަށް އަޅައިލުން،" އޮޕަރޭޝަނަށް ފަހު ހޮސްޕިޓަލުގައި ދިން ފުރަތަމަ އިންޓަވިއު ގައި މަނީޝާ ބުންޏެވެ.
މަނީޝާ ވަނީ 1999 ވަނަ އަހަރު ޔޫއެންއެފްޕީއޭ ގެ ގުޑްވިލް އެމްބެސެޑަރު ކަމުގެ މަގާމު ވެސް އަދާކޮށްފައެވެ.