ސްޕެއިންގެ ގުއިލާމޯ ގާސިއާ ލޯޕޭޒް ބަލިކޮށް ދުނިޔޭގެ އެއްވަނަ މަގާމުގައި ރޭންކް ކުރެވިފައިވާ ސާބިއާގެ ނޮވަކް ޖޮކޮވިޗް ޗައިނާ އޯޕަންގެ ދެވަނަ ބުރަށް ދަތުރު ކޮށްފި އެވެ.

މިހާރު ޗައިނާގެ ވެރިރަށް ބެއިޖިންގްގައި މިހާރު ކުރިއަށްދާ ޗައިނާ އޯޕަންގެ ދެވަނަ ބުރަށް ޖޮކޮވިޗް ދަތުރު ކުރީ އިއްޔެ ކުޅުނު މެޗުގައި ގުއިލާމޯގެ މައްޗަށް 6-2 އަދި 6-1 ގެ ނަތީޖާ އަކުން ކުރި ހޯދައިގެންނެވެ.

ސާބިއާގެ ކުޅުންތެރިޔާ ވަނީ މީގެ ކުރިން ހަތަރު ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައެވެ. އެހެންކަމުން މި މުބާރާތާ ޖޮކޮވިޗް ކުރިމަތިލީ ފަސް ވަނަ ތަށި ކާމިޔާބުކުރާ ފުރަތަމަ ކުޅުންތެރިޔާ އަށް ވުމުގެޝަރަފު ހޯދުމަށެވެ.

އެމެރިކާގެ ޖޯން އިޒްނާ ކޮލަމްބިއާގެ ސެންޓިއާގޯ ގިރާލްޑޯ 6-1 އަދި 6-3 ން ބަލިކުރި އިރު ތިންވަނައަށް ސީޑު ކުރެވިފައިވާ ތޯމަސް ބާޑިޗް ވެސް ވަނީ ފަސޭހަކަމާއެކު ސްޕެއިންގެ ފެލިކާނޯ ލޮޕެޒްގެ މައްޗަށް 6-1 އަދި 6-2 ގެ ން ކުރި ހޯދައި ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައެވެ.

އަންހެން ބައިގައި ހަތަރުވަނައަށް ސީޑު ކުރެވިފައިވާ ރަޝިއާގެ މާރިއާ ޝަރަޕޯވާ 6-2 އަދި 6-2 ން އެލީނާ ސްވިޓޯލިނާ ބަލިކުރިއިރު ސިމޯނާ ހަލެޕް ވަނީ ލިން ޒޫ ގެ މައްޗަށް 7-5 އަދި 6-4 ން ކުރި ހޯދައި ދެވަނަ ބުރަށް ދަތުރު ކޮށްފައެވެ.

ޗައިނާ އޯޕަން އަކީ އޭޓީޕީ 500 ރޭންކިންގައި ހިމެނޭ ހާޑްކޯޓް މުބާރާތެކެވެ.