ތެހެރާން : އިންޑިޔާ ކަނޑުގެ އުތުރުގެ ސަރަޙައްދުތަކަކީ އީރާނުގެ ޖިޔޮސްޓްރެޓީޖިކް ސަރަޙައްދެއް ކަމަށް އީރާނުގެ ކަނޑުގެ ސިފައިންގެ ވެރިޔާ އެޑްމިރަލް ހަބީބުﷲ ސިޔާރީ ވިދާޅުވެއްޖެއެވެ.

އީރާނުގެ ކަނޑުގެ ސިފައިންގެ ސިއްޙީ ޚިދްމަތްތަކާބެހޭ ނިޒާމް އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތެއްގައި އިއްޔެ ވާހަކަ ދައްކަވަމުން، އިންޑިޔާ ކަނޑުގެ އުތުރުގެ ސަރަޙައްދުތަކަކީ އީރާނުގެ ޤައުމީ ދިފާޢަށް ވަރަށް މުހިއްމު ސްޓްރެޓިޖިކް ސަރަޙައްދުތަކެއް ކަމަށް އެޑްމިރަލް ހަބީބުﷲ ވިދާޅުވިއެވެ.

އީރާނުގެ ޤައުމީ މަސްލަޙަތުގެ ދިފާޢުގައި އީރާނުގެ ކަނޑުގެ ބާރުތައް ޙަރަކާތްތެރިވާނެ ގޮތުގެ ތަފްސީލެއް އެޑްމިރަލް ހަބީބުﷲ ދެއްވާފައެއް ނުވެއެވެ. ނަމަވެސް އީރާނުގެ ކަނޑުގެ ބާރުތައް އިތުރަށް ތަރައްޤީ ކުރުމަށްޓަކައި ސްޓްރެޓިޖިކް ޕްލޭނެއް އެކަށައަޅައިގެން އެޕްލޭން ތަންފީޒުކުރަމުން ގެންދާ ކަމަށާ މުސްތަޤްބަލްގައި އިންޑިޔާ ކަނޑުގެ އުތުރުގެ ހުރިހާ ސަރަޙައްދުތަކެއްގައި ފުޅާދާއިރާއެއްގައި އީރާނުގެ ކަނޑުގެ ސިފައިން ހަރަކާތް ތެރިވަމުންގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އީރާނުން މިހާތަނަށް ކަނޑުގެ ޢަސްކަރީ ތަމްރީންތަކާއި އޮޕަރޭޝަންތައް ހިންގަމުން ގެންގޮސްފައިވަނީ ހުރުމުޒު ކަނޑުއޮޅިއާއި ޢަރަބި ކަނޑުގައެވެ. ނަމަވެސް ދާދިފަހުން ޢަސްކަރީ ސަބްމެރިންތަކާއި ހަނގުރާމަމަތީ އާގުބޯޓުތަކާއި ކަނޑުގެ އަޑިން ފޮނުވާލާ ޓްރޮޕިޑޯފަދަ ޒަމާނީ ހަތިޔާރު އީރާނުގެ ކަނޑުގެ ސިފައިންގެ ޚިދްމަތަށް ނެރެފައިވެއެވެ.