ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސްގެ މުހައްމަދު ރިޝްވާން އައިޖީއެމްއެޗްގެ ޑެޕިއުޓީ ޑިރެކްޓާ އޮފް އޮޕަރޭޝަންގެ މަގާމަށް އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒު މިއަދު ސަން އަށް ވިދާޅުވީ އޭނާ އެ މަގާމަށް ހަމަޖައްސަވާފައި ވަނީ މިދިޔަ މަހުގެ 24 ގައި ކަމަށާއި އެ މަގާމަށް އޭނާ ހަމަޖައްސަވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.

ފުލުހުންގެ ވަޒީފާގައި އަށް އަހަރު ހިދުމަތް ކުރެއްވުމަށް ފަހު ރިޝްވާން އެމަގާމުން އިސްތިޢުފާ ދެއްވީ 12 ޖުލައި 2011 ގަ އެވެ. އޭގެ ފަހުން މިހާތަނަށް އޭނާ ކުރައްވަމުން ގެންދެވީ އަމިލްލަ މަސައްކަތްތަކެވެ.

ރިޝްވާން އައިޖީއެމްއެޗްގެ އިސް މާގާމަކަށް ހަމަޖައްސަވާފައިވާ އިރު އެ ހޮސްޕިޓަލާއި ވިލިމާލެ ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ބޯޑެއް އެކުލަވާލައްވައިފަ އެވެ.