01 Oct 2014, 12:46
ސަރުކާރުން ހިންގާ ގެދޮރުވެރިކުރުމުގެ ޕްރޮގުރާމްގެ ދަށުން ހުޅުމާލެ އިން ދޫކުރާ 1100 ފްލެޓަށް 6697 މީހުން އިއްޔެގެ ނިޔަލަށް ފޯމް ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
ހައުސިން މިނިސްޓްރީގެ މީޑިޔާ އޮފިޝަލް ސައުދުﷲ ގާސިމް މިއަދު ސަން އަށް ވިދާޅުވީ ފްލެޓަށް އެދޭ ފޯމްތައް ހުށަހަޅަން ދޫކުރާ ނަންބަރު އިއްޔެގެ ނިޔަލަށް ދޫކޮށް ނިމިފައިވާ ކަމަށެވެ.
އިއްޔެގެ ނިޔަލަށް ނަންބަރުތައް ދޫކޮށްފައިވާ ހުރިހާ ފޯމްތަކަށް ވެސް ފޯމް ހުށަހެޅުމަށް ފުރުސަތު ދިނުމުގެ ގޮތުން ވަނީ ކިޔު ނަންބަރު ދޫކޮށްފަ އެވެ.
މިހާރު ހުޅުވާލާފައިވާ ފުރުސަތުގައި ހުޅުމާލޭ 1100 ފްލެޓް ދޫކުރުން ހަމަޖައްސާފައި ވަނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. ސައުދުﷲ ވިދާޅުވީ އެއް ވަނަ ކެޓަގަރީން 440 ފްލެޓް ދޫކުރަން ހަމަޖައްސާފައިވާ އިރު އެ ކެޓަގަރީން ފްލެޓް ހޯދުމަށް 3597 ފޯމް މިހާތަނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ދެ ވަނަ ކެޓަގަރީން 330 ފްލެޓް ދޫކުރާ އިރު އެ ކެޓަގަރީ އަށް އެދި މިހާތަނަށް 3098 ފޯމް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެހެންމެ މާލޭގައި އޮތް އަމިއްލަ ބިން ދޫކޮށްލުމަށް ފަހު ހުޅުމާލެ އިން ފްލެޓަށް އެދޭ ފަރާތްތަކަށް ހާއްސަ ކޮށްގެން 330 ފްލެޓް ދޫކުރުމަށް ހަމަޖައްސާފައިވީ ނަމަވެސް މިހާތަނަށް ފޯމް ހުށަހަޅާފައި ވަނީ ދެ ފަރާތަކުން ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ކަމުން ތިން ވަނަ ކެޓަގަރީ ދެ ބަޔަކަށް ބަހާލުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ތިން ވަނަ ކެޓަގަރީއަކީ މާލޭގައި އޮތް ބިން ކޮޅު ދޫކޮށްލާ ފަރާތްކަށް ހާއްސަކޮށްފައިވާ ކެޓަގަރީ، ނަމަވެސް އެ ބަޔަށް ހުށަހަޅާފައި ވަނީ އަދި އެންމެ ދެ ފޯމް. އެހެން ކަމުން އެ ބައި ވެސް ދެ ބަޔަކަށް ބަހާލުމަށް ވަނީ ނިންމާފައި،" ސައުދުﷲ ވިދާޅުވި އެވެ.
ހައުސިން މިނިސްޓްރީ އިން ފްލެޓަށް އެދި ހުޅުވާލި ފުރުސަތުގައި މިދިޔަ މަހުގެ 21 ވަނަ ދުވަހުން ފެށިގެން މުއްދަތު ހަމަވުމުގެ ނިޔަލަށް ވެސް 17999 މީހަކަށް ވަނީ ފޯމް ހުށަހަޅަން ނަންބަރު ދޫކޮށްފަ އެވެ. ސައުދުﷲ ވިދާޅުވީ ފޯމް ހުށަހަޅަން ނަންބަރު ދޫކޮށްފައިވާ ފަރާތްކުގެ ފޯމްތައް ބަލައިގަނެ ނިމޭނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ކަމަށެވެ.