ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ ކާލޯ އެންޗެލޮޓީ ކޯޗުކޮށްދިން އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ބުނެފި އެވެ.

ކޯޗިން ދާއިރާގައި އުޅޭތާ މިހާރު 19 އަހަރު ވެފައިވާ އިޓަލީ ކޯޗު ބުނީ އޭނާގެ ދަށުން މޮޅެތި ކުޅުންތެރިންތަކެއް މަސައްކަތް ކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް ރޮނާލްޑޯ ފެންވަރުގެ ކުޅުންތެރިއަކު ނުދެކޭ ކަމަށެވެ.

" މިއީ އެހެން ކުޅުންތެރިއަކަށް ބުނާ ބަދު ބަހެއް ނޫން. ރޮނާލްޑޯ އަކީ އަހަރެންގެ ދަށުން މަސަތްކަތް ކުރި އެންމެ މޮޅު ކުޅުންތެރިޔާ،" ރިޕޯޓަރުންނާ ވާހަކަދައްކަމުން އެންޗެލޯޓީ ބުންޏެވެ.

ރެއާލް މެޑްރިޑަށް ކުޅެދިން 255 މެޗުގައި 265 ލަނޑު ކާމިޔާބުކޮށްދީފައިވާ ޕޯޗުގަލް ތަރި ވަނީ ވާދަވެރި ލިއޮނެލް މެސީއާއި އެކު ޗެމްޕިއަންސް ލީގުގެ ލަނޑު ލިސްޓިގެ ދެވަނައިގައި އެއްވަރު ވެފައެވެ. ރޮނާލްޑޯ އާއި މެސީ ވެސް ވަނީ 68 ލަނޑު ޖަހާފައެވެ. އެންމެ ކުރީގައި އޮތީ 71 ގޯލާއެކު ރެއާލް މެޑްރިޑްގެ ލެޖެންޑް ރައުލް ގޮންޒަލޭޒް އެވެ.

ޗެމްޕިއަންސް ލީގުގައި މިރޭ ބަލްގޭރިއާގެ ލުޑޮގޮރެޓްސް އާ ދެކޮޅަށް ކުޅޭ މެޗާ ބެހޭގޮތުން އެންޗެލޯޓީ ބުނީ މެޗް ފަސޭހަނުވާނެކަން އިނގޭ ކަމަށާއި ޗެމްޕިއަންސް ލީގުގައި ދަށް ޓީމެއް ނުކުޅޭނެ ކަމަށެވެ.

" އަހަރުމެންނަށް އިނގޭ އެޓީމާ ދެކޮޅަށް ކުޅޭއިރު ކިހާ އުނދަގޫ ވާނެކަން. އެމީހުން އެންފީލްޑް ގައިވެސް ވަރަށް ރަނގަޅަށް ކުޅުނު. އަހަރެންނަކަށް ހިއެއް ނުވޭ މި މުބާރާތުގައި ދަށް ޓީމެއް ކުޅޭހެން. " އެންޗެލޯޓީ ބުންޏެވެ.

އެންޗެލޯޓީ ބުނީ ޕޯޗުގަލްގެ ޑިފެންޑަރު ޕެޕޭއަށް މެޗުގައި ކުޅެވޭނެ ކަމަށާއި އެކަމަކު ޖެހޭނީ ރާމޮސް އާއި ވަރާނޭގެ ޑިފެންސިވް ޕާޓްނާޝިޕް ބްރޭކް ކުރަން ކަމަށެވެ.

ގްރޫޕް ސްޓޭޖްގެ ދެވަނަ މެޗާ ކުރިމަތިލާއިރު ޗެމްޕިއަން ރެއާލް މެޑްރިޑް އޮތީ ތިން ޕޮއިންޓާއެކު އެ ގްރޫޕްގެ އެއްވަނައިގައެވެ.