01 Oct 2014, 11:27
ވޭތުވެދިޔަ އަހަރުތަކެކޭ އެއްފަދައިން މި އަހަރު ވެސް ބޮޑު ޖަމާޢަތުގައި އަޟްހާ ޢީދު (ބޮޑު އީދު) ނަމާދު ކުރަން ހަމަޖައްސާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
މިއަހަރުގެ ބޮޑު އީދު ނަމާދާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓަރުގެ ޕާސަނަލް އެސިސްޓެންޓް އިމްރާން އާދިލް މިއަދު "ސަން" އަށް ވިދާޅުވީ 1435 ވަނަ އަހަރުގެ އަޟްހާ އީދު ނަމާދު ކުރުން ވެސް އޮތީ ކުރިއެކޭ އެއްގޮތަށް އެއް ޖަމާއަތަކަށް ކަމަށެވެ.
އެގޮތުން ފިރިހެނުން ނަމާދު ކުރުމުގެ އިންތިޒާމް މާފަންނު ޓާފް ދަނޑު ސަރަހައްދުގައި ހަމަޖެހިފައިވާ އިރު އަންހެނުން ޖަމާއަތުގައި އީދު ނަމާދުކުރާން އިންތިޒާމު ކުރެވިފައިވަނީ ދުވާ ސަރަހައްދާ ޖެހިގެން އޮތް ކްރިކެޓް ދަނޑުގައި ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޓާފް ދަނޑުގެ ކާޕެޓުތައް ދާދިފަހުން ބަދަލުކޮށްފައި ވުމުން ނަމާދު ކުރުމަށް ދަނޑަށް ވަންނަ އިރު "ފައިވާން އަތައް ނަގައިގެން ވަނުމަށް" އެފްއޭއެމުން އެދިފައިވާ ކަމަށެވެ.
މިއަހަރުގެ އަޟްހާ އީދު ނަމާދުގައި ގާތްގަނޑަކަށް 35،000 މީހުންގެ ޖާގަ އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ނަމާދުގެ ސެކިޔުރިޓީ ބެލެހެއްޓުމަށް އެމްއެންޑީއެފް އާއި މޯލްޑިވްސް ޕޮލިސް ސާވިސް އާއި ސްކައުޓުންނާއި ކެޑޭޓުންނާއި އަދި ގާލްގައިޑުން ވެސް ހަރަކާތްތެރި ވަމުން ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން ސިޓީ ކައުންސިލުން ވެސް ވަނީ މާލޭގައި ހުރި މިސްކިތްތަކުގެ ތެރެއިން 17 މިސްކިތެއްގައި އީދު ނަމާދު ކުރުމުގެ އިންތިޒާމު ހަމަޖައްސާފަ އެވެ. ޓާފް ދަނޑުގައި ކުރާ ބޮޑު ޖަމާއަތުގައި މިއަހަރު އިމާމުވެ އީދު ނަމާދު ކުރައްވާނީ ޝައިހް މުހައްމަދު ލަތީފް އެވެ.