ރާއްޖެއަކީ ޓެރަރިސްޓުން އުޅޭ ގައުމެއްގެ ގޮތުގައި ސިފަކުރުމަށް ދިވެހި ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރާ ކަމަށް އިސްލާމިކް ފައުންޑޭޝަން އޮފްދަ މޯލްޑިވްސް )އައިއެފްއެމް( ބުނެފި އެވެ.

އެ ޖަމިއްޔާއިން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގައި ދީނީ ކަންކަމުގައި މީހުންގެ ހޭލުންތެރިކަން އިތުރުވެ، ގައުމުގެ ގިނައަދެއްގެ ބަޔަކު ދީނީ ކަންކަމަށް ލޯބި ކުރަން ފެށުމުން ސަރުކާރުން އެ ކަމާމެދު ކަން ބޮޑުވާ ކަމަށެވެ. އަދި ރާއްޖެއަކީ ޓެރަރިސްޓުން އުޅޭ ގައުމެއްގެ ގޮތުގައި ސިފަކުރަން ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރާ ކަމަށެވެ.

ސަރުކާރުން ދިވެހިންނާއި ޓެރަރިޒަމާއި ގުޅުވަން ކުރަމުންދާ މަސައްކަތް ކުށްވެރިކޮށް އައިއެފްއެމްއިން އާންމުކުރި ބަޔާނުގައި އިންޑިއާގެ ހަފުތާ މަޖައްލާއެއް ކަމަށްވާ "ދަ ވީކް" ގެ 16 ޖެނުއަރީ ގައި ޝާއިއު ކުރި ކަވަސްޓޯރީގައި ނޮވެމްބަރު 26، 2008 ގައި މުމްބާއީއަށް ދިން ހަމަލާއާއި ދިވެހިންނާއި ގުޅުމެއްވާކަމަށް ބުނެ ރާއްޖޭގައި ޓެރަރިޒަމަށް ހިތްވަރު ލިބެނީ، ދީނީ އިލްމުވެރިން ދެއްވާ ތަގުރީރުތަކުގެ ސަބަބުން ކަމަށް ސަރުކާރުގެ ބައެއް އިސްވެރިން ވިދާޅުވެފާ ކަމަށް ބުނެ ހަރުކަށި އިބާރާތުން އެކަން ކުއްވެރިކޮށްފައި ވެސްވެ އެވެ.

"... ސަރުކާރަށް ގޮވާލަނީ ސަރުކާރު ނިސްބަތްވާ ވަކި ބައެއްގެ އަމިއްލަ އެދުންތައް ހާސިލްކުރުމަށް ކުރަމުންގެންދާ ފިނޑި އަމަލުތައް ވަގުތުން ހުއްޓާލުމަށެވެ. އިސްލާމް ދީނާއި އަދާވާތްތެރި ބޭރުގެ ބައެއް ފަރާތްތަކުން ލިބިދާނެ ކަމަށް އުންމީދުކުރާ ފައިދާތަކެއްގެ ދަހިވެތިކަމުގައި ދިވެހި ގައުމާއި ރައްޔިތުން ބަދުނާމުކުރުން ހުއްޓާލުމަށްވެސް ދިވެހި ސަރުކާރަށް ގޮވާލަމެވެ،" ބަޔާނުގައިވެ އެވެ.

ރާއްޖޭގެ ތިއްބެވި ބައެއް ދީނީ ދަންނަ ބޭކަލުންނަކީ ހައްދުފަހަނަ އަޅާފައިވާ ހަރުކަށި ވިސްނުމުގެ ބަޔެއް ކަމަށް ސިފަވާ ގޮތަށް މެދުކެޑުމެއްނެތި ސަރުކާރުގެ އިސްވެރިން ވާހަކަފުޅު ދައްކަވަމުން ދިޔުމުން ރާއްޖޭގައި ތިއްބެވި ދީނީ ދަންނަ ބޭކަލުންނާއި އާންމު ރައްޔިތުން ބޭރު ގައުމުތަކަށް ދަތުރުފަތުރު ކުރުމުގައި އުނދަގޫތަކާ ކުރިމަތިވެ އަދި ބޭރު ގައުމުތަކުގައި ހައްޔަރުވެދާނެތީ ވެސް ކަނބޮޑުވާ ކަމަށް ބަޔާނުގައިވެ އެވެ.

ދަވީކް މަޖައްލާގައި ލިޔެފައިވާ ލިޔުމުގައި ދިވެހިރާއްޖޭގައި ޓެރަރިޒަމް ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް އދ. އާ ގުޅިގެން ކުރިއަށް ގެންދާތީ އެކަން ކުށްވެރިކުރަމުން އައިއެމްއެފުން ބުނެފައިވަނީ އެފަދަ ގާނޫނެއްގެ ސަބަބުން ރާއްޖޭގެ
މަސްލަހަތަށް ބުރޫއަރައި ދީނީ ކަންކަމާ ދެކޮޅަށް ފިޔަވަޅުއެޅުމުގެ އިހްތިޔާރު ސަރުކާރަށް ލިބިގެންދާނެ ކަމަށެވެ.

"މިގާނޫނު ފާސްވެއްޖެ ނަމަ ދިވެހި ރާއްޖޭގެ ސަލާމަތަށް ބުރޫ އެރުން ހުއްޓުވުމުގެ ނަމުގައި ދީނީ ކަންތައްތަކާއި ދެކޮޅަށް ފިޔަވަޅު އެޅުމުގެ އިހްތިޔާރު ކަމާ ބެހޭ ފަރާތްތަކަށް ލިބިގެން ދާނެ އެވެ. މިގޮތުން ބޭނުންވެއްޖެ ނަމަ ދީނީ އިލްމްވެރިން ހައްޔަރުކޮށް ބޭރުގެ ފަރާތްތަކާއި ހަވާލުކުރުމާއި، ދީނީ ދަރުސްތައް ދިނުން ހުއްޓުވުމުގެ އިހްތިޔާރު ވެސް ކަމާބެހޭ ފަރާތްތަކަށް ލިބިގެން ދާނެ ކަމުގެ ބިރު އެބައޮތެވެ،" އެ ނޫސް ބަޔާނުގައިވެ އެވެ.

މި ކަމާގުޅިގެން ސަރުކާރުގެ ބަހެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހޭރަށް މިއަދު ގުޅިއިރު ފޯނު ނިއްވާލައްވާފައި އޮތުމާ ގުޅިގެން ސަރުކާރުގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.