01 Oct 2014, 11:19
ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުން ބަލިވުމުން އޭގެ ފުރިހަމަ ޒިންމާ ނަގާ ކަމަށް ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.
އާ ސީޒަންގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ރޭގެ މެޗާ ކުރިމަތިލި ބާސެލޯނާގެ ކޯޗު ބުނީ މެޗުގައި އުއްމީދު ކުރި ވަރަށް ނުކުޅެވޭ ކަން ގަބޫލުކުރާ ކަމަށާއި ބަލިވުމުން އޭގެ ފުރިހަމަ ޒިންމާ ނަގާ ކަމަށެވެ.
" އަހަރުމެން ބަލިވި ސަބަބު އިނގޭ. ޕީއެސްޖީ އަކީ އަހަރުމެންނާ އެއް ފެންވަރެއްގެ ޓީމެއް. އެ ފެންވަރުގެ ޓީމަކާ ދެކޮޅަށް އަދި ޚާއްސަކޮށް އެ ދަނޑުގައި ކުޅޭއިރު އެ އަންނަ ޕްރެޝަރު އަހަރުމެންނަށްވުރެ ރަނގަޅަށް އެމީހުން ހިފެހެއްޓި. ގަބޫލް ކުރަން ރޭގެ މެޗުގައި އުއްމީދު ކުރި ވަރަށް ނުކުޅެވޭ ކަންވެސް. ޓީމުގެ މެނޭޖަރަކީ އަހަރެން. އެހެންކަމުން ބަލިވުމުން އޭގެ ފުރިހަމަ ޒިންމާ ނަގަން،" އެންރީކޭ ބުންޏެވެ.
ފްރާންސްގެ ޕީއެސްޖީ އެރީނާގައި ކުޅުނު ގްރޫޕް އެފްގެ މެޗުން 3-2 ން ބާސެލޯނާ ބަލިވުމުން ކޯޗު އެންރީކޭގެ އިތުރުން ބާސެލޯނާގެ ސަޕޯޓަރުންނެވެސް ތިބީ ހިތްހަމަ ނުޖެހިފައެވެ.
އެންރީކޭ ބުނީ އޭނާގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ އާދައިގެ ގޯސްތަކެއް ކަމަށާއި ކުރިއަށް ހުރި މެޗުތަކުގައި އެކަންތައްތައް ރަނގަޅު ކުރުމަށް މަސަތްކަތް ކުރާނެ ކަމަށެވެ.
" މެޗުގައި އަހަރެންގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ ވަރަށް އާދައިގެ ގޯސްތަކެއް. އެމީހުންގެ ހާފު ތެރެއަށް ބޯޅަ ހިފައިގެން ވަންނައިރު ރަނގަޅަށް ނުވިސްނުނު ތަންކޮޅު ރޭގައި ދެއްކީ. އެއީ އަހަރުމެންނަށް ކުރިން އިނގޭ ރަނގަޅު ކުރެވެންޖެހޭނެ ކަހަލަ ގޯސްތަކެއް. މެޗުން ހެދުނު ގޯސްތައް ރަނގަޅު ކޮށް ކުރިއަށް ހުރި މެޗުތަކުގައި ރަނގަޅު ނަތީޖާތަކެއް ހޯދޭތޯ މަސަތްކަތްކުރާނަން " ބާސާގެ ކޯޗު ބުންޏެވެ.
ރޭގެ މެޗުން ބަލިވުމުން ބާސެލޯނާ އޮތީ ޕީއެސްޖީގެ ފަހަތުން އެ ގްރޫޕްގެ ދެވަނައިގައެވެ.