ޔުއެފާ ޗެމްޕިއަންސް ލީގުގައި އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި އިޓަލީގެ އޭއެސް ރޯމާ ބައްދަލުކުރި މެޗު 1-1 ން އެއްވަރުވެގެން ނިމިއްޖެ އެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު ގްރޫޕް އީގެ މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ސިޓީ އިންނެވެ. މެޗު ފަށައިގެން މާގިނައިރުތަކެއްނުވެ ހަތަރު ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީ އަކުން ލަނޑު ޖަހައި ސިޓީއަށް ކުރިހޯދައިދިނީ އެޓީމުގެ އާޖެންޓީނާ ފޯވަޑް ސާޖިއޯ އަގުއެރޯ އެވެ.

ނަމަވެސް ލީޑު ނެގުމަށްފަހު ސިޓީގެ ކުޅުންތެރިންނަށް ރަނގަޅަށް މެޗު ތެރެއަށް ނުވަދެވިގެން އުޅެނިކޮށް ރޯމާއިންވަނީ ލަނޑު ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. 23 ވަނަ މިނިޓުގައި މިޑްފީލްޑަރު މިރަލެމް ޕިއަނިކްގެ ހިތްގައިމު ޕާހުން ކެޕްޓަން ފްރެންސެސްކޯ ޓޮޓީ ޖެހި މިގޯލަކީ ތާރީޚީ ގޯލެކެވެ. 38 އަހަރުގެ ރޯމާ ކެޕްޓަން ވެފައިވަނީ ޗެމްޕިއަންސް ލީގުގައި މިހާތަނަށް ލަނޑު ޖެހި އެންމެ ދުވަސްވީ ކުޅުންތެރިއާ އަށެވެ.

ފުރަތަމަ ހާފުގައި ސިޓީގެ ފޯވަޑް އަގުއެރޯއަށް ލިބުނު ފުރުސަތުގެ ހުރަހަކަށްވީ ރޯމާގެ ބްރެޒިލް ޑިފެންޑަރު މައިކޮން އެވެ. ފްރޭންކް ލަމްޕާޑް އަށްވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެެވެ.

ރޭގެ މެޗުގައި ބޮސްނިއާގެ ކުޅުންތެރިއާ މިރަލެމް ޕިއަނިކްގެ ފަރާތުން ފާހަގަކޮށްލެވޭ ކަހަލަ މޮޅު ކުޅުމެއް ފެނިގެން ދިޔައެވެ. ސިޓީއަށް މެޗުގައި ކުރިމަތިވި އެންމެ ބޮޑު އުނދަގުލަކަށްވީ މެދުތެރެއިން ޕިއަނިކް ހިފެހެއްޓުމެވެ. ޕިއަނިކް ވަނީ ދެހާފުގައިވެސް ސިޓީގެ ގޯލަށް އަމާޒުކޮށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އެއްވަރުވުމުން ލިބުނު ޕޮއިންޓާއެކު ސިޓީ އޮތީ ގްރޫޕް އީގެ ތިންވަނައިގައެވެ. އިނގިރޭސި ޗެމްޕިއަނުންނަށްވުރެ 3 ޕޮއިންޓް ގިނައިން ލިބިގެން ރޯމާ ދެވަނައިގައި އޮތްއިރު އެންމެ ކުރީގައި އޮތީ ރޭ ގްރޫޕްގެ ފުލުގައި އޮތް ސީއެސްކޭއޭ މޮސްކޯ އަތުން މޯޅުވި ބަޔާން މިއުނިކްއެވެ.