ނުރައްކާތެރި އެބޯލާ ވައިރަސް ފެތުރޭ ގައުމެއް ކަމަށްވާ ނައިޖީރިއާ އަށް ދަތުރުކޮށްފައި ވާތީ، އެކަހެރި ކުރި މީހާ މިއަދުގެ ވަގުތެއްގައި ދޫކޮށްލާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭގެ އެޕިޑަމިއޮލޮޖިސްޓް ޑރ. އައިޝަތު އަރޫނާ މިއަދު ސަން އަށް ވިދާޅުވީ އެބޯލާ އަށް ޝައްކުކުރެވިގެން މިދިޔަ ހޯމަ ދުވަހު އެކަހެރި ކުރި ނައިޖީރިއްޔާގެ މީހާގެ ގައިން އެބޯލާގެ އަސަރެއް ފަހުން ވެސް ފެނިފައިނުވާ ކަމަށާއި އެމީހާ ދޫކޮށްލުމާ ބެހޭ ގޮތުން ކަމާ ބެހޭ ފަރާތްތަކާ އެކު މަޝްވަރާކުރުމަށްފަހު މިއަދު ހަވީރުގެ ވަގުތެއްގައި ދޫކޮށްލާނެ ކަމަށެވެ.

އަދި އެމީހާ ދޫކޮށްލި ނަމަވެސް ރާއްޖޭގައި އުޅެންޏާ އަދިވެސް ސާވިއެލަންސް ކުރާނެ ކަމަށް ވެސް އެނާ ވިދާޅުވި އެވެ.

އަރޫނާ ވިދާޅުވީ އެމީހާ އެކަހެރިކޮށްފައި ބެހެއްޓީ އިތުރު އެއްވެސް އަލާމާތެއް އޭނާގެ ގައިން ފެނި ހުންއާދޭތޯ ބެލުމަށް ކަމަށާއި އޭނާ ހުން އައިސްފައިނުވާ ކަމަށެވެ. ނަމަވެސް 24 ގަޑިއިރު ހަމަވެގެން ދިޔައިރު ވެސް އެމީހާ ދޫނުކޮށް ބަހައްޓާފައި ހުރީ އެމީހާގެ ބައެއް ސޯޝަލް އިސޫސްތައް ހުރުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެމީހާގެ ގައިން އެބޯލާގެ އެއްވެސް އަސަރެއް ނުފެނުނު. އެމީހާގެ ސިއްހީ ހާލަތު ހަމަ ވަރަށް ނޯމަލް. އެހެން ކަމުން އެމީހާއާ އެކު ކޮންޓެކްޓް ވެފައި ހުރި އެއްވެސް މީހަކަށް އެއްވެސް ނުރައްކަލެއް ވެސް ނެތް. މިއަދު އެމީހާއާ މެދު ގޮތެއް ނިންމާނެ،" އަރޫނާ ވިދާޅުވި އެވެ.

ޓޫރިސްޓު ވިސާގައި މިމަހުގެ 13 ވަނަ ދުވަހު މަސައްކަތެއް ހޯދުމަށް ރާއްޖެ އެތެރެވެފައިވާ އެމީހާ އެކަހެރިކޮށްފައި ވަނީ އެބޯލާ ފެތުރޭ ގައުމަކަށް އޭނާ ދަތުރުކޮށްފައި ވާތީ އާއި އެމީހާ ބަލިވެ، އުޅޭ ކަމަށް ފޮރިން މިނިސްޓްރީއަށް ރިޕޯޓް ކުރުމުން މިދިޔަ ހޯމަ ދުވަހު އެވެ. ނަމަވެސް އެމީހާގެ ގައިން އެބަލީގެ އެއްވެސް އަލާމާތެއް ފެެނޭތޯ ޓެސްޓްކުރުމަށް ހުޅުމާލޭ ހޮސްޕިޓަލަށް ފޮނުވުމަށް ފަހު، އެބަލީގެ އެއްވެސް އަލާމާތެއް ނުފެންނާތީވެ، 24 ގަޑިއިރު ވަންދެއް ބެލުމަށް ފަހު ދޫކޮށްލުމަށް އެޗްޕީއޭ އިން ވަނީ ނިންމައިފަ އެވެ.