ނ. ވެލިދޫގައި ކޮންސްޓްރަކްޝަން މަސައްކަތްކުރަމުން ދަނިކޮށް ބިދޭސީއެއްގެ އަތް ސިމެންތި ގަށާ މެޝިނެއްގެ ތެރޭގައި ތާށިވެ ބޮޑެތި ޒަހަމްތަކެއް ލިބިއްޖެ އެވެ.

ސަން އެނގިފައިވާ ގޮތުގައި ރޭ ހިނގި ހާދިސާގައި ސިމެންތި ގަށާ މެޝިންތެރެ އަށް އަތް ވަދެ ޒަހަމްވެފައި ވަނީ ޔޫސުފް އަލީ ނަމަކަށް ކިޔާ ބަންގްލަދޭޝް މީހެއްގެ އަތެވެ. އެ ހާދިސާ ހިނގާފައި ވަނީ ވެލިދޫގައި ދެ ބުރިއަށް ހަދަމުންދާ އިމާރާތެއްގެ ޝީޓްއެޅުމުގެ މަސައްކަތް ނިންމާލުމަށް ފަހު މެޝިން ސާފުކުރަން އޭނާ އުޅުމުގެ ތެރޭގަ އެވެ.

ވެލިދޫ ކައުންސިލުން މައުލޫމާތު ދިން ދިން ގޮތުގައި އެމީހާ އަށް ލިބުނު ގެއްލުންތަކަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި މިހާރު ގެންދަނީ ފަރުވާދެމުންނެވެ. ނަމަވެސް އޭނާ އަށް ލިބިފައިވާ ޒަހަމްތަކަށް ބަލާ އިރު އޭނާގެ އަތް ވަނީ ބޭނުން ނުކުރެވޭ ވަރަށް ޒަހަމުވެފައި ކަމަށް ކައުންސިލް އިދާރާ އިން ވަނީ މައުލޫމާތުދީފަ އެވެ.

"އޭރު މެޝިން ހިނގަ ހިނގާ ހުއްޓާ މެޝިން ސާފުކުރުމުގެ ތެރޭގައި އަތް ވަދެ އެނބުރިގަތީ. އަތު ހުޅުންފެށިގެން އަތުގެ އޮޅަނބުށި ހިސާބު ވަނީ މެޝިންތެރެއަށް ވަދެފައި. އެ އަތް ބޭނުން ކުރެވޭނެ ހެނެއް ވެސް ހިޔެއް ނުވޭ،" ކައުންސިލް ރައީސް އަސްމާ ހުސެއިން ވިދާޅުވި އެވެ.

ރޭ އިރާކޮޅުގެ ވަގުތެއްގައި އެ ހާދިސާ ހިނގި ނަމަވެސް އޭނާ މާލެ އަށް ސީ އެމްބިއުލަންސްގައި ފޮނުވާލެވުނީ ރޭގެ ދަންވަރު 3:50ހާއިރު ކަމަށް ކައުންސިލުންގެ ރައީސް އަސްމާ ހުސެއިން ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ސީ އެމްބިއުލަންސް ނައިސް ގެން ވެސް ވަގުތުތަކެއް ވަންދެން މަޑުކުރަން ޖެހުނު ކަމަށެވެ.

ޒަހަމްވި ބިދޭސީ މީހާއާ ބެހޭ ގޮތުން އައިޖީއެމްއެޗްގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.