ލަންކާގެ ހައްދުފަހަނަޅާފައިވާ ބުޑިސްޓު ޖަމާއަތެއް ކަމަށްވާ ބޮޑު ބަލަ ސޭނާ (ބީބީއެސް) އިން އެގައުމުގެ ބައިމަދު މުސްލިމުންނަށް އަނެއްކާ ވެސް އިންޒާރުތައް ކުރިމަތިކުރުވަން ފަށާފައި ވާތީ އެކަން ރައީސް މަހިންދަ ރާޖަ ޕަކްސަގެ ސަމާލުކަމަށް ގެނެސްފި އެވެ.

ދަ މުސްލިމް ކައުންސިލް އޮފް ސްރީ ލަންކާ އިން ރައީސް ރާޖަޕަކްސައަށް ފޮނުވި ސިޓީއެއްގައި ވަނީ، ބީބީއެސްގެ ޖެނެރަލް ސެކްރެޓަރީ ގަލަބޮޑަ އައްތޭ ގްނަންސާރާ ތެރޯ، މުސްލިމުންނަށް ބިރުދެއްކުމުގެ އިންޒާރުތަކެއް ދީފައި ވަނީ، މިޔަންމާގެ ބުދުދީނުގެ އިސް ވެރިއެއް ކަމަށްވާ އަޝިން ވިރަތޫ ލަންކާއަށް ޒިޔާރަތްކުރުމަށް ވިސާ ދޫނުކުރުމަށް މުސްލިމުން ގޮވާލާފައި ވާތީ ކަމަށެވެ.

ބީބީއެސްގެ ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ގަލަބޮޑަ އައްތޭ ވިދާޅުވެފައި ވަނީ، ބީބީއެސްގެ ކޮންފަރެންސަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ މިޔަންމާގެ 969 މޫވްމަންޓުގެ ވެރިޔާ އަށް ވިސާ ދިނުމާ ދެކޮޅަށް އަޑު އުފުލުމުގެ އެއްވެސް ހައްގެއް މުސްލިމުންނަށް ލިބިފައި ނުވާ ކަމަށާއި އަދި އެގޮތަށް އަޑު އުފުލާނަމަ މުސްލިމުންގެ ކަންތައް ހަމަޔަކަށް އަޅުވަން ޖެހިދާނޭ ކަމަށެވެ.

މުސްލިމް ކައުންސިލުން ބުނެފައި ވަނީ، މި އަހަރުގެ ޖޫންމަހު އަލުތުގަމާއި ބެރުވެލާގައި މުސްލިމުންނާ ދެކޮޅަށް ބުޑިސްޓުން ހިންގި ރަހުމުކުޑަ ޖަރީމާތަކުގެ ވާހަކަ އޮއްބާލައި، ގަލަބޮޑަ އައްތޭއާއި އެނޫން ވެސް ހައްދުފަހަނަޅާފައިވާ ބުޑިސްޓުން މުސްލިމުންނާ ދެކޮޅަށް އަނެއްކާ ވެސް ނަފުރަތު އުފެއްދުމުގެ ހަރަކާތްތަކެއް ފަށާފައިވާ ކަމަށެވެ.

ކީރިތި ގުރުއާނުގެ އާޔަތްތައް މާނަކުރުމުގައި އޮޅުވާލައިގެން މުސްލިމް ނޫން އެހެން ދީންތަކުގެ މީހުންނަށް އިއްވައި، މުސްލިމުންނާއި އިސްލާމް ދީނާމެދު އެހެން ދީންތަކުގެ މީހުންގެ ހިތްތަކުގައި ނަފުރަތު އުފެއްދުމަށް ބީބީއެސް އިން ތަކުރާރުކޮށް މަސައްކަތް ކުރާކަމަށް ވެސް މުސްލިމު ކައުންސިލުން ވަނީ ބުނެފަ އެވެ.

"މަނިކުފާނުގެ ސަމާލުކަމަށް ގެންނަން ބޭނުންވޭ އަޅުގަނޑުމެން ވާނީ، ކީރިތި ގުރުއާން ނުބައިކޮށް މާނަކުރަމުން ގެންދާތީ، ގުނަންސަރަ ތެރޯއާ ދެކޮޅަށް، ކޮލަމްބޯގެ މެޖިސްޓްރޭޓް ކޯޓުގައި އަދި މިނިސްޓްރީ އޮފް ބުއްދާ ސަސާނާގެ ރިލިޖަސް ޕޮލިސް ޑިވިޝަނަށް މައްސަލަ ހުށަހަޅާފައި،" ލަންކާގެ މުސްލިމް ކައުންސިލުން ބުނެފައިވެ އެވެ.