ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ރޭ ސްޕޯޓިން ލިސްބަން ކޮޅަށް މިޑްފީލްޑަރު ނެމަންޖާ މަޓިޗް ޖެހި ގޯލާއެކު 1-0 އިން ޗެލްސީ މޮޅުވެއްޖެ އެވެ.

މެޗުގެ ބޮޑު ބައެއްގައި ވަރުގަދަ ކުޅުމެއް ދައްކަމުން ދިޔަ ކަމުގައި ވިޔަސް ޗެލްސީ އިން ވަނީ ރަނގަޅު ފުރުސަތުތަކެއް ގެއްލުވާލައިފައެވެ.

މެޗުގައި ފެނިގެން ދިޔަ ހަމަ އެކަނި ލަނޑު ކާމިޔާބުކޮށް، ބެންފިކާގެ ކުރީގެ ކުޅުންތެރިޔާ ޗެލްސީއަށް މެޗުގެ ކުރި ހޯދައިދިނީ 34 ވަނަ މިނިޓްގައެވެ.

ޗެލްސީގެ ހުނަރުވެރި ފޯވާޑް ޑިއޭގޯ ކޮސްޓާއަށް މެޗުގެ ދެވަނަ މިނިޓުގައި ލަނޑެއް ޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް އިދިކޮޅު ޓީމުގެ ގޯލު ކީޕަރު ރުއީ ޕެޓްރީޝިއޯ ވަނީ ކޮސްޓާގެ އެ ހަމަލާ ފަސޭހަ ކާމާއި އެކު ސަލާމަތްކޮށްފައެވެ.

އަންދްރޭ ޝޫލާ ވަނީ މެޗުގެ 22 ވަނަ މިނިޓުގައި އެޑެން ހަޒާޑު ހޯދައިދިން ރީތި ފުރުސަތެއް ބޭކާރު ކޮށްލާފައެވެ. އަދި މެޗު ނިމެން 10 މިނިޓަށް ވެފައިވަނިކޮށް ޗެލްސީގެ މިޑްފީލްޑަރު ސެސް ފެބްރިގާޒް ވަނީ ކޮސްޓާއަށް ފުރުސަތެއް ހޯދައިދީފައެވެ. ނަމަވެސް އެ ފަހަރުވެސް ޗެލްސީގެ ކުޅުންތެރިންނަށް ހުރަހަކަށްވީ ގޯލް ކީޕަރު ޕެޓްރީޝިއޯ އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި ޗެލްސީ ދެން ކުޅޭ މެޗުގައި ނުކުންނާނީ އެންކޭ މެރިބޯއާއި ދެކޮޅަށް މިމަހުގެ 22 ގައެވެ.