ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ރޭ ބާސެލޯނާ އަތުން ފްރާންސްގެ ޕެރިސް ސެއިންޓް ޖާމެއިން 3-2 ން މޮޅުވެއްޖެ އެވެ.

ސްވިޑެންގެ ފޯވަޑް ޒްލާޓަން އިބްރަހިމޮވިޗް އާ ނުލައި ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީވެސް ޕީއެސްޖީ އިންނެވެ. ފުރަތަމަ ހާފު ފަށައިގެން 10 ވަނަ މިނިޓުގައި އެޓީމަށް ލަނޑު ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ޑޭވިޑް ލުއިޒް އެވެ. ބްރެޒިލްގެ ތަރި ޕީއެސްޖީއަށް ލީޑު ހޯދައިދީފައިވަނިކޮށް ބާސެލޯނާއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ލިއޮނެލް މެސީ އެވެ. 11 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިން މިލަނޑަކީ ޗެމްޕިއަންސް ލީގުގެ ތާރީޚުގައި ބާސެލޯނާއިން ޖެހި 500 ވަނަ ގޯލެވެ.

އެހެން ނަމަވެސް ފްރާންސްގެ ޗެމްޕިއަނުން ވަނީ ފުރަތަމަ ހާފު ނިމުނުގެ ކުރިން އިތުރު ލަނޑެއް ކާމިޔާބުކޮށް 2-1 ނަތީޖާ ބަދަލުކޮށްފައެވެ. 26 ވަނަ މިނިޓުގައި މިލަނޑު ޖަހައިދިނީ މާކޯ ވެރާޓީއެވެ. މިއީ އޭނާ ޕީއެސްޖީއަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑު ފާހަގަކޮށްލެވެއެވެ.

ޔޫރަޕްގެ މުބާރާތެއްގައި 2006 ވަނަ އަހަރުފަހުން އަމިއްލަ ދަނޑުގައި ބަލިވެފައި ނުވާ ޕީއެސްޖީއިން މެޗުން 3 ޕޮއިންޓް ކަށަވަރު ކުރީ ދެވަނަ ހާފު ފަށައިގެން 54 ވަނަ މިނިޓުގައި ބްލޭއިސް މަޓުއިޑީ ކާމިޔާބުކޮށްދިން ލަނޑުންނެވެ. ނަމަވެސް ނޭމާގެ ލަނޑުން ބާސާ އިން ވަނީ 56 ވަނަ މިނިޓުގައި ނަތީޖާ 3-2 ށް ބަދަލުކޮށްފައެވެ.

މެޗުގައި ދެޓީމަށްވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެއެވެ. މިގޮތުން ޕީއެސްޖީގެ ފޯވަޑް ލައިން ލީޑު ކުރި އުރުގުއޭގެ ކުޅުންތެރިޔާ އެޑިންސަން ކާވާނީ އަށާއި މާކޯ ވެރާޓީއަށް އަދި ޑޭވިޑް ލުއިޒް އަށްވެސް ވަނީ އިދިކޮޅު ޓީމުގެ ގޯލް ފޫއަޅުވަން އެދެވޭ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މެޗުގައި ބާސެލޯނާއަށް ލިބުނު އެންމެ ރަނގަޅު ފުރުސަތުތައް ލިބުނީ މެސީ އަށެވެ. ރޭގެ މެޗުގައި އާޖެންޓީނާގެ ތަރި ކާމިޔާބުކޮށްދިން ލަނޑާއެކު އޭނާވަނީ ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ދެވަނައިގައި ވާދަވެރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއެކު އެއްވަރުވެފައެވެ. މި ދެކުޅުންތެރިންވެސް ވަނީ މިހާތަނަށް 68 އަށް ލަނޑު ކާމިޔާބުކޮށްފައެވެ.

ގްރޫޕް އެފްގެ އަނެއް މެޗުގައި ނެދަލޭންޑްސްގެ އަޔެކްސް އާއި ސައިޕްރަސްގެ އަޕޮއެލް އެފްސީ ބައްދަލުކުރި މެޗު ނިމުނީ 1-1 ން ދެޓީމު އެއްވަރުވެގެންނެވެ.

ރޭގެ މެޗުން ލިބުނު މޮޅާއެކު ގްރޫޕް އެފް ގެ އެއްވަނައިގައި ޕީއެސްޖީ އޮތްއިރު 3 ޕޮއިންޓާއެކު ބާސެލޯނާ އޮތީ ދެވަނައިގައެވެ. އަޔެކްސް 3 ވަނައިގައި އޮތްއިރު އެންމެ ފުލުގައި އޮތީ އަޕޮއެލް އެފްސީއެވެ.