އެމެރިކާގެ ލޮސްއެންޖަލިސްގެ ކައިރީގައިވާ ބެލްގާޑެންސް ނަމަކަށް ކިޔާ ރަށުގެ މޭޔަރަށް އޭނާގެ އަންހެނުން ބަޑިން ހަމަލަދީ މަރާލައިފި އެވެ.

އެސޯސިއޭޓެޑްޕްރެސް (އޭޕީ) ބުނީ ބެލް ގާޑެންސްގެ މޭޔަރު، އުމުރުން 45 އަހަރުގެ ޑާނިއެލް ކްރެސްޕޯގެ ގަޔަށް އޭނާގެ އަންހެނުން ލެވެއްތޭ ކްރެސްޕޯ ބަޑި ޖެހުމުން ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޭނާ މަރުވެފައިވާ ކަމަށެވެ. އަދި ބުނީ އެކަން ހިނގީ އެ ދެ މީހުން ކުރި ޒުވާބަކަށް ފަހު ކަމަށެވެ. އުމުރުން 43 އަހަރުގެ ލަވެއްތޭ މިހާރު ހުރީ ހައްޔަރުކޮށްފައި ކަމަށް ވެސް ބުންޏެވެ.

ޑާނިއެލްއާއި ލަވެއްތޭ ބައްދަލުވީ ހައިސްކޫލު ދަރިވަރުންގެ ގޮތުގަ އެވެ. އަދި އެމީހުން ކައިވެނި ކުރީ 1986 ވަނަ އަހަރު އެވެ.

ބެލްގާޑެންސް އަކީ ލޮސް އެންޖަލިސްގެ އިރު ދެކުނުން 18 މޭލު ދުރުގައި އޮންނަ ރަށެކެވެ. އެރަށުގެ އާބާދީއަކީ 43000 އެވެ. އެރަށުގެ ކައުންސިލަށް ޑާނިއެލް ހޮވުނީ 2001 ވަނަ އަހަރު އެވެ. އެކައުންސިލްގެ މެމްބަރު ކަމަކީ ޕާޓްޓައިމް ވަޒީފާއެއް ކަމަށާއި މޭޔަރުކަން އޮންނަނީ މެމްބަރުންގެ މެދުގައި ދައުރުވާ ގޮތަށެވެ.