މަގުމަތީގައި ހަރުކޮށްފައި ހުރި އާންމު ފެން އިސްކުރު ބަރިތައް ބަންދުކޮށްފައިވާތީ އަމިއްލަ ޖަމިއްޔާއަކުން އެކަން ކުށްވެރިކޮށްފި އެވެ.


އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ހިއުމަން ރައިޓްސް އެންޑް ސިވިލް ޖަސްޓިސް ނެޓްވޯކުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ މާލޭގެ މަގުތަކުގައި ހަރުކޮށްފައިވާ އާންމު ފެން އިސްކުރުތައް ބަންދުކުރުމާ ގުޅިގެން ގިނަ އަދަދެއްގެ އާއްމު ރައްޔިތުންތަކަށް ޚާއްސަކޮށް މާލޭގައި ކުއްޔަށް ދިރިއުޅެމުންދާ އެތައް ބައިވަރު އާއިލާތަކަކުން ބޭނުން ކުރަމުންގެންދިޔަ ފެނުގެ ޚިދުމަތް ކެނޑުމުގެ ސަބަބުން ގޭބީސީތަކަށް ސާފު ބޯފެން ނުލިބުމުގެ ދަތިކަން އިހްސާސްކުރަންޖެހިފައިވާ ކަމުގެ ޝަކުވާ އެޖަމިއްޔާ އަށް ލިބެމުންދާ ކަމަށެވެ. އަދި މުޅި މާލެއިން ކެނޑޭފަދަ ގޮތަކަށް އާއްމު ފެންއިސްކުރު ބަރި ތަކުގެ ޚިދުމަތް އެއްފަހަރާ ކަނޑާލުމަކީ އެކަމުގެ ސަބަބުން  ފަގީރުންނަށާއި ނިކަމެތިންނަށް ލިބިގެންދިޔަ ތަހައްމަލުކުރަން ދަތި ކަމެއް ކަމަށްވެސް އެޖަމިއްޔާގެ އެ ނޫސް ބަޔާނުގައިވެ އެވެ.


ސަރުކާރުގެ ފެންކުންފުނި މެދުވެރިކޮށް ނުވަތަ އެނޫން ފަރާތެއް މެދުވެރިކޮށް ކަމުގައިވިޔަސް ފެނުގެ ޚިދުމަތް ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ސަރުކާރަށް އެޖަމިއްޔާގެ ނޫސް ބަޔާނުގައި ވަނީ ގޮވާލައިފަ އެވެ. އަދި އެއްވެސް މުއައްސަސާއަކުން ރައްޔިތުންގެ ހިތްތަކުގައި އެއިރެއްގައި އޮންނަ ސަރުކާރާއި މެދު ނަފްރަތު އުފެދޭ ގޮތަށް އިންސާނީ ޚިދުމަތްތަކާ ކުޅެ ނުހެދުމަށް ވެސް އެޖަމިއްޔާއިން ވަނީ ގޮވާލައިފަ އެވެ.


މިކަމާ ގުޅިގެން މާލޭ މުނިސިޕަލްޓީގެ ރައީސް ސަރަނގު އާދަމް މަނިކު މިއަދު ވިދާޅުވީ މާލެގައި ހުންނަ ދެން އިސްކުރު ބަރިތައް ބަންދުކޮށްފައި ވާނީ މުނިސިޕަލްޓީން ވަރަށް ބޮޑު ސާވޭ އެއް ކުރުމަށްފަހުގައި ކަމަށެވެ. އަދި އެއިސްކުރު ބަރިތައް އާންމުކޮށް ބޭނުން ކުރަމުންދަނީ ބިދޭސީންނާ، ކާރު ފަދަ އެއްޗެހި ދޮންނަން ކަމަށްވެސް އާދަމް މަނިކު ވިދާޅުވި އެވެ. ނަމަވެސް އަދިވެސް މާލޭގެ ބައެއް ސަރަހައްދުތަކުން ފެން ލިބެން ހުންނާނެ ކަމަށާއި އިސްކުރު ބަރިތަކުން ފެން ކަނޑައިލައިގެން އާންމުރައްޔިތެއްގެ ފަރާތުން އެއްވެސް ޝަކުވާއެއް އެފަރާތަށް މިހާތަނަށް ލިބިފައިނުވާ ކަމަށްވެސް އާދަމް މަނިކު ވިދާޅުވި އެވެ.