01 Oct 2014, 09:49
މައްކާ (އޮކްޓޯބަރ 1) : ހައްޖުގެ އަޅުކަން އަދާ ކުރުމަށްޓަކައި މާތްވެގެންވާ މައްކާގެ މުގައްދަސް ބިންތަކަށް ޒިޔާރަތް ކުރާ މީހުންގެ ތެރޭގައި އެކަމަށް ނަގަން ޖެހޭ ހުއްދަތައް ނުނަގައި ގަވާއިދާ ޚިލާފަށް އުޅޭ މީހުން އެބަތިބި ކަމަށާއި އެފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ސައޫދީ ސަރުކާރުން ބުނެފި އެވެ.
ސައޫދީ އިމިގްރޭޝަން ޑިޕާޓްމަންޓުން ބުނީ ހައްޖުގެ އަޅުކަންއަދާ ކުރުމަށްދާ ބޭރު މީހުންގެ ތެރޭގައި އެކަމަށް ހޯދަން ޖެހޭ ވިސާ ފަދަ ތަކެތި ނުނަގައި އޮޅުވާލައިގެން މުގައްދަސް ބިންތަކަށް ގޮސްއުޅޭ މީހުން ކޮންމެވެސް ވަރަކަށް އުޅޭ ކަމަށާއި އެމީހުން ހޯދައި ހިފެހެއްޓުމުގެ އިތުރުން އެމީހުން ޖޫރިމަނާކުރުމުގެ ކަންތައް ވެސް ކުރިޔަށްގެންދާ ކަމުގަ އެވެ. ޙައްޖަށް ދިޔުމުގެ ކަންތައް ވަކިގޮތަކަށް އިންތިޒާމް ކޮށްފައި ވަނީ ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށް ޓަކައި މުގައްދަސް ބިންތަކަށް އެތައް މިލިޔަން ބަޔަކު ޙައްޖަށްދާ އިރު ހައްޖުވެރިންގެ އަމަނާއި ސަލާމަތާއި ރައްކާތެރި ކަމަށް ޓަކައި ކަމަށް ވެސް ސައޫދީ އިމިގްރޭޝަން ޑިޕާޓްމަންޓުން ބުނެ އެވެ. ސަޢޫދީ ފުލުހުން މިދިޔަ ހޯމަ ދުވަހު ވަނީ ހައްޖުވެރިން އަޅުކަމުގެ ކަންތަކުގައި ޙަރަމްފުޅުތެރޭގައި އުޅޭ އިރު އެމީހުންގެ ޖީބުން ވައްކަން ކުރުމުގައި ހަރަކާތްތެރިވަމުން ދިޔަ އަންހެނަކު ހައްޔަރުކޮށްފަ އެވެ. މި އަންހެންމީހާއަކީ ވެސް ހައްޖުގެ ކަންތަކުގައި ފުރިހަމަކުރަން ޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުކޮށް އޮޅުވާލައިގެން މައްކާ އަށް ގޮސްއުޅޭ މީހެއްކަމަށް ރިޕޯޓްތައް ބުނެ އެވެ.
މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ޓަކައި މައްކާއާއި މަދީނާގެ މުގައްދަސް ބިންތަކަށް ދެ މިލިޔަނަށް ވުރެ ގިނަ މުސްލިމުން މިހާތަނަށް ގޮސްފައިވާ ކަމަށާއި ހައްޖުވެރިންގެ ހުރިހާ ކަމެއް ވެސް ރަނގަނޅު ކަމަށް ހައްޖުގެ ކަންތައްތަކާ ބެހޭ ސައޫދީ ވުޒާރާއިން ބުނެ އެވެ. ސައޫދީ ސަލާމަތީ ބާރުތަކުންވަނީ ހައްޖުވެރިންގެ ސަލާމަތަށް ޓަކައި 50 ހާސް ސިފައިން މުގައްދަސް ބިންތަކަށާއި ހައްޖުގެ މަޝާއިރުތައް ހުންނަ ހިސާބުތަކުގައި ރުކުރުވާލާފައެވެ. (އަލްޖަޒީރާ)