01 Oct 2014, 09:49
ރަނގަޅު ސިއްހީ ޚިދުމަތް ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމްކުރެވިފައި ނެތުމަކީ އުމުރުން ދުވަސްވީ މީހުންގެ ހައްގުތައް ރައްކާތެރި ކުރުމަށް ކުރިމަތިވެފައިވާ ގޮންޖެހުމެއް ކަމަށް ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފި އެވެ.
މިއަދަކީ ބައިނަލްއަގުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ކަމަށްވުމާ އެކު ދުވަހުގެ މުނާސަބަތުގައި އެޗްއާރްސީއެމް އިން ނެރުނު ބަޔާނެއްގައި ވަނީ ގިނަ ރަށްރަށުގައި އެކަށީގެންވާ މިންވަރަށް ބޭސްފަރުވާގެ ޚިދުމަތް ލިބެން ނެތުމާއި އެއްރަށުން އަނެއް ރަށަށް ދިޔުމުގައި ދިމާވާ ދަތިތަކަކީ އުމުރުން ދުވަސްވީ މީހުންނަށް މިއަދު ކުރިމަތިވަމުން އަންނަ ގޮންޖެހުމެއް ކަމަށެވެ.
އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަކޮށް އާއިލާތަކުގެ ލޮތްބާއި އަޅާލުން ވަރަށް ބޮޑަށް ލިބެން ޖެހޭ ބައެއް ކަމަށާއި އެމީހުންނަށް ރަނގަޅު ކާނާއާއި ދިރިއުޅޭނެ ސާފުތާހިރު މާހައުލެއް ގާއިމްކޮށްދީ ފުރިހަމަ ސިއްހަތެއްގައި ދެމިތިބުމަށް ޓަކައި ކުރަން ޖެހޭ ކަންކަމާ މެދު އައިލާތަކުން ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށް އެ ބަޔާނުގައިވެ އެވެ.
"ހަމައެހެންމެ މުޖުތަމައުގައި އެމީހުންނަށް ހިތްދަތިކަމާއި ނުރައްކަލާ ކުރިމަތިނުވާނެ ގޮތަށް ކަންކަން ހަމަޖައްސައި ދިނުމަކީ ދައުލަތާއި މުޖުތަމައުގެ ޒިންމާއެއްކަން ފާހަގަކުރަމެވެ،" އެޗްރާރްސީއެމްގެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ވަނީ އުމުރުން ދުވަސްވީ މީހުންގެ އިލްމާއި ތަޖުރިބާ އަދި ފަންނުވެރިކަން ކަންކަމުގައި ބޭނުންކުރުމަކީ ވަރަށްބޮޑަށް ފައިދާ ކުރާނެ ކަމެއް ކަމަށެވެ. އަދި އެފަދަ ކަންކަމުގައި އުމުރުން ދުވަސްވީ މީހުން ބައިވެރިކުރުމަށް އެ ކޮމިޝަނުން ވަނީ ގޮވާލާފަ އެވެ.