ކާބުލް (އޮކްޓޯބަރު 1): މިއަހަރުގެ ފަހުކޮޅު އެމެރިކާއާއި ނޭޓޯގެ ސިފައިން އަފްޣާނިސްތާނުން ފޭބުމަށްފަހު އެ ދެފަރާތުގެ އަސްކަރީ ތަޖްރިބާކާރުންގެ 12 ހާސްމީހުންގެ ގްރޫޕެއް ދިގުމުއްދަތަކަށް އެގައުމުގައި ބޭތިއްބުމުގެ އެއްބަސްވުމެއްގައި އެމެރިކާއާއި އަފްޣާން ސަރުކާރުން ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގެ ދަށުން އެމެރިކާއާއި ނޭޓޯގެ 12 ހާސް އަސްކަރީ ތަޖްރިބާކާރުން ހައެއްކަ އަހަރަށް އަފްޣާނިސްތާނުގައި މަރުކަޒު ކުރުމަށް ހަމަޖެހިފައިވާއިރު މީގެތެރޭގައި އެމެރިކާގެ 9800 ޢަސްކަރީ ތަޖްރިބާކާރުންނާއި މުދައްރިބުން ގެ އިތުރުން ނޭޓޯގެ 2200 މުދައްރިބުން ހިމެނެ އެވެ. އަފްޣާން ރިޔާސީ ގަނޑުވަރުގައި އިއްޔެ ސޮއިކުރި މި އެއްބަސްވުމުގައި އަފްޣާނިސްތާނުގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ އައު ސަރުކާރުގެ ގައުމީ ސަލާމަތާބެހޭ މުސްތަޝާރު ހަނީފް އަތުމާރެވެ. އެމެރިކާގެ ފަރާތުން ސޮއިކުރެއްވީ ކާބުލްގައި ހުންނަވާ އެމެރިކާގެ ސަފީރު ޖޭމްސް ކެނިންގްހަމް އެވެ.

މި 12 ހާސް ތަޖްރިބާކާރުންގެ ބޭނުމަކީ އެމެރިކާއާއި ނޭޓޯގެ ސިފައިން އަފްޣާނިސްތާނުން ފޭބުމަށްފަހު އަފްޣާން ސިފައިންނަށް ބޭނުންވާ އަސްކަރީ ތައުލީމާއި ތަމްރީން ދިނުމާ އަދި ތާލިބާނުންފަދަ ހަނގުރާމަވެރި ޖަމާއަތްތަކާ ކުރިމަތިލުމަށް ޓަކައި އަފްޣާން ސިފައިންނަށާއި ސަލާމަތީ ބާރުތަކަށް ބޭނުންވާ އަސްކަރީ ލަފައާއި އިރުޝާދު ދިނުމެވެ. އެމެރިކާގެ މަސްލަހަތާ އެއްގޮތަށް ތައްޔާރުކޮށްފައިވާ މި އެއްބަސްވުމުގެ ދެލިކޮޕީއަށް ބަދަލުތައް ގެނައުމަށް ކުރީގެ ރައީސް ހާމިދު ކަރުޒާއި މަސައްކަތް ކުރެއްވުމާއެކު އެކަމަށް އެމެރިކާ ދެކޮޅުހެދުމުން ކަރުޒާއިވަނީ އެ އެއްބަސްވުމުގައި ސޮއި ނުކުރެއްވުމަށް ނިންމަވާފައެވެ.

މި އެއްބަސްވުމުގައި ވާގޮތުން އަފްޣާނިސްތާނުގައި ބައިތިއްބާ އެމެރިކާއާއި ނޭޓޯގެ މި ޚާއްސަ ލަޝްކަރުގެ މީހަކަށް ނޫނީ އަފްޣާނިސްތާނުގައިވާ ހުޅަނގުގެ މަސްލަޙަތުތަކަށް ނުރައްކާވެއްޖެ ހާލަތެއްގައި އަފްޣާން ސަރުކާރުގެ ހުއްދައަކާ ނުލައިވެސް އަސްކަރީ ގޮތުން ހަރަކާތްތެރިވެ އަފްޣާން އާންމުންގެ ގެދޮރު ބަލައި ފާސްކުރުންފަދަ އެގައުމުގެ މިނިވަންކަމަށް ބުރޫއާރާ އަމަލުތައް ހިންގުމުގެ ފުރުސަތު އެ ލަޝްކަރަށް ލިބިދެއެވެ. އަދި މި 12 ހާސް މީހުންގެ ގްރޫޕުން އަފްޣާން މީހަކު މެރުންފަދަ ޖިނާއީ ޖަރީމާއެއް ހިންގިނަމަވެސް އަފްޣާން ކޯޓެއްގައި އެ މައްސަލަ ބެލުމުގެ ހައްގުވެސް އަފްޣާން ދައުލަތަށް ނުލިބުމާއި އަފްޣާނިސްތާނުގެ ގާނޫނުތައްވެސް މި 12 ހާސް މީހުންގެ މައްޗަށް ތަންފީޒު ނުކުރެވޭނެ ކަމަށް މި އެއްބަސްވުން ބުނެއެވެ.

މިހުރިހާ މައްސަލަތަކަކާއެކު މި އެއްބަސްވުމުގައި އަފްޣާނިސްތާނުގެ އާ ސަރުކާރުން ސޮއިކުރީ އެމެރިކާގެ ފިއްތުންތަކުގެ ސަބަބުން ކަމަށް ރިޕޯޓްތައް ބުނެއެވެ. (ރޮއިޓާސް)