އައްޑޫ ސިޓީ ފޭދޫ އާއި މަރަދޫ ފޭދޫ ކޯޒުވޭ ގުޅޭ ހިސާބުގައި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ސައިކަލަކާއި ބައިސްކަލެއް ޖެހި މިރޭ 10:40 ހާއިރު ހިނގި އެކްސިޑެންޓްގައި ތިން މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ. ނަމަވެސް އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބެއް ފުލުހުން ނުބުނެ އެވެ.

އެ ތިން މީހުންނަށް ފަރުވާ ދެމުން އަންނަ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނީ ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ ދެ މީހަކަށް ކަމަށާއި އަނެއް މީހާގެ ހާލު ރަނގަޅު ކަމަށެވެ.

އަދި އަނިޔާވި ދެމީހުންގެ ތެރެއިން އެކެއްގެ ބޮލާއި މޫނަށް ސީރިއަސް ޒަހަމްތަކެއް ލިބިފައިވާ ކަމަށެވެ.