ހައްދުފަހަނަ އަޅާފައިވާ ބައެއްގެ އަތްމައްޗަށް މުސްތަގުބަލް ބައްޓަން ކުރަން ދޫކޮށްލުމާމެދު ދުނިޔެއިން ގޮތް ނިންމަންޖެހިފައިވާ ކަމަށް ވިދާޅުވެ، އިސްލާމިކް ސްޓޭޓް (އައިއެސް)އާ ދެކޮޅަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އދ. ގައި ތަގުރީރު ކުރައްވައިފި އެވެ.

އދ އާންމު ބައްދަލުވުމަށް ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމްގެ ހާއްސަ އެންވޯއީއެއްގެ ހައިސިއްޔަތުން ތަގުރީރު ކުރައްވަމުން ރައީސް ވަހީދު ވިދާޅުވީ ހަރުކަށި އަމަލުތަކާ ދެކޮޅަށް ތެދުވެ، އެފަދަ ފިކުރުތައް ނައްތާލުމަށް ދުނިޔެ ތެދުވާންޖެހިފައިވާ ކަމަށެވެ. އަދި އެފަދަ ހަރުކަށި އަމަލުތަކާއި ހައްދުފަހަނައަޅާފައިވާ އައިއެސް ފަދަ ޖަމާއަތްތަކާ ރާއްޖެއިން ދެކޮޅުހަދާ ކަމަށާއި އެ މީހުންނަކީ މުސްލިމުންނާއި ދެކޮޅު ބައެއް ކަމަށް ވަހީދު ވިދާޅުވި އެވެ. ހައްދުފަހަނައަޅާފައިވާ މީހުން މަސައްކަތް ކުރަމުންދަނީ އިސްލާމީ ރިވެތި އުސޫލު ދޫކޮށް، އަނިޔާވެރިކަމާއި ނޭނގާނީ ކަމުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ދުނިޔެއިން މި ވަނީ ގޮތް ނިންމަންޖެހިފައި. އަހަރުމެންގެ މުސްތަގުބަލް ބައްޓަން ކުރަން ހައްދު ފަހަނަ އެޅި ބައެއްގެ އަތް މައްޗަށް ދޫކޮށްލާނީތޯ ނޫނީ އެ މީހުންގެ ހަރަކާތްތައް ހުއްޓުވައި އެ މީހުންގެ ފިކުރު ނައްތާލަން ހަރުކަށި ފިޔަވަޅުތަކެއް އަޅާނީތޯ؟،" އދ. 69 ވަނަ އާންމު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވި އެވެ.

އދ. ގައި ތަގުރީރު ކުރައްވަމުން ރައީސް ވަހީދު ވަނީ އިޒުރޭލާ ދެކޮޅަށް ވާހަކަފުޅު ދައްކަވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިޒުރޭލުން ހިންގި ޖަރީމާތައް ކުށްވެރިކުރައްވާ ކަމަށާއި އެފަދަ އަމަލުތަކަކީ ބަލައި ނުގަނެވޭނެ ކަމެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ބަޑި ޖެހުމާއި ބޮން އެޅުން ހުއްޓުމަކީ ދާއިމީ ހައްލެއް ނޫން ކަމަށެވެ. ޣައްޒާއާ ދެކޮޅަށް އިޒްރޭލުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނައްތާލައި އިޒްރޭލްގެ ރައްޔިތުންނެކޭ އެއްގޮތަށް ފަލަސްތީނުގެ ރައްޔިތުންނަށް ވެސް މިނިވަން ދައުލަތެއް އޮންނަން ޖެހޭނެ ކަމަށް ވަހީދު ވިދާޅުވި އެވެ.