ރިސޯޓު މުއައްޒަފުނަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމަށް ބާއްވަމުން އަންނަ "މޯލްޑިވްސް އެގްޒެކެޓިވް ޑިވެލޮޕްމަންޓް ޕްރޮގްރާމް"ގެ ދަށުން ސްރީލަންކާގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކޮށް އެއް އަހަރު ވަންދެން ތަމްރީން ހޯދުމަށް ހަ ދިވެއްސަކަށް ފުރުސަތު ދީފި އެވެ.

މޯލްޑިވްސް އެގްޒެކެޓިވް ޑިވެލޮޕްމަންޓް ޕްރޮގްރާމަކީ ޓޫރިޒަމް މިނިސްޓްރީއާ ގުޅިގެން ޗާޔާ މޯލްޑިވްސް އިން ކޮންމެ އަހަރަކު ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމުގައި ބައިވެރި ކުރަނީ ރިސޯޓުތަކުގައި މަސައްކަތް ކުރާ ގިނަ ދުވަސްވީ ދިވެހިންނެވެ.

ޕްރޮގްރާމް އިފްތިތާހު ކުރުމަށް މިއަދު ޗާޔާ އައިލެންޑް ރިސޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ޕްރޮގްރާމާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ސްރީލަންކަން ރިސޯޓްސްގެ ޓްރެއިނިން އެންޑް ޑިވެލޮޕްމަންޓް މެނޭޖަރު ޕެޓްރިކް ޕެރެއިރާ ވިދާޅުވީ އެ ޓްރެއިނިން ޕްރޮގްރާމުގެ ބައިވެރިން ސްރީލަންކާގެ ރިސޯޓްތަކާއި ޓޫރިޒަމް ދާއިރާއާ ގުޅޭ އިތުރު ތަންތަނުގައި މަސައްކަތްކޮށް ތަމްރީނު ހޯދާނެ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވީ އެ ޕްރޮގްރާމަކީ މިހާރު ޓޫރިޒަމް ދާއިރާގައި ތިބި ޒުވާނުން އިތުރަށް ކުރިއެރުވުމަށްޓަކައި ވަރަށް މުހިންމު ޕްރޮގްރާމެއް ކަމަށާއި އެގްޒެކެޓިވް ނުވަތަ މަތީ ފަންތީގެ މަގާމުތަކަށް ދިއުމަށްޓަކައި އެ ލެވެލްގެ ޓްރެއިނިން އެއްވެސް ބޭނުންވާ ކަމަށެވެ.

"މަތީ މަގާމުތަކަށް ދިއުމަށްޓަކައި އެބަ ބޭނުންވޭ ރަނގަޅު ޓްރެއިނިން ވެސް. މިހާރު ރާއްޖޭގައި އެބަތިބި ރަނގަޅު ޓްރެއިނިން ދެވިއްޖެނަމަ އެންމެ މަތީ ފަންތިއަށް ދެވޭވަރުގެ ހުނަރުވެރި ކުދިން. އެހެންވީމަ މިފަހަރު ޕްރޮގްރާމްގައި ބައިވެރިވާ ކުދިންނަށް އޭގެ ފައިދާ ވަރަށް ފުރިހަމައަށް ލިބޭނެ،" އަދީބު ވިދާޅުވި އެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ އެ ޓްރެއިނިން ޕްރޮގްރާމްގައި ރާއްޖޭގެ ރިސޯޓުތަކުގައި ތިން ދާއިރާއެއްގައި މަސައްކަތްކުރާ ހަ މުއައްޒަފުން ވަނީ ބައިވެރިވެފަ އެވެ.