30 Sep 2014, 18:17
މިދުވަސްވަރު މާލެ އާއި އަތޮޅު ތެރޭގެ ބައެއް ރަށްތަކުގައި ހޭންޑް ފުޓް އެންޑް މައުތު ބަލި ފެތުރެމުންދާތީ އެކަމަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) އެދިއްޖެ އެވެ.
އެޗްޕީއޭގެ އޮފިޝަލަކު މިއަދު ވިދާޅުވީ މިދުވަސް ވަރު މިބަލި ޖެހިގެން މާލެ އާއި އަތޮޅު ތަކުގެ ހޮސްޕިޓާ ތަކާއި ސިއްހީ ފަރުވާ ދޭ މަރުކަޒުތަކަށް ރިޕޯޓް ކުރަމުން ގެންދާ އަދަދު އިތުރުވެވެފައިވާ ކަަމަށެވެ. ނަަމަވެސް މިހާތަނަށް އެ ބަލި ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދެއް އޮފިޝަލް ވިދާޅެއް ނުވެ އެވެ.
ހޭންޑް ފުޓް އެންޑް މައުތު ބަލި ފެތުރެމުންދާތީ މިއަދު އެޗްޕީއޭއިން ވަނީ އެލާޓެއް ނެރެފަ އެވެ. އެ ބަލި އާއްމުކޮށް ޖެހެނީ އުމުރުން އެއް އަހަރާއި ހަތަރު އަހަރާއި ދެމެދުގެ ކުދިންނަށް ކަމަށް ވާތީ ޕްރީ ސްކޫލްތަކުގައި ކިޔަވާ ކުދިންނާއި އާއްމުކޮށް ސްކޫލްތަކުގެ ގްރޭޑް އެކަކާއި ދޭއް ގައި ކިޔަވާ ތުއްތު ކުދިންގެ މެދުގައި އެ ބަލި ފެތުރިގެން ހިނގާދާނެ ކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.
މި ބައްޔަކީ ގައިގޯޅިވެ އުޅުމުގެ ތެރޭގައި ބަލިޖެހިފައިވާ ކުއްޖެއްގެ ކުޅުންނާއި އަރިދަފުހުންނާއި ބޮޑުކަމުދާ ނަޖިސް އަދި ހަމުގައި ނަގާފައި ހުންނަ ފޮޅުން ނިކުންނަ ދިޔައިން ގައިން ގަޔަށް އަރާ ބައްޔެކެވެ. މި ބަލިޖެހިގެން އެންމެ ފުރަތަމަ ވެސް ފެންނާނެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ކާހިތްނުވުމާއި ވަރުބަލިވުމާއި އަދި ގައިގައި ރިއްސުމާއެކު ކަރުތެރެ ފާރުވުން ފަދަ އަލާމަތްތައް ހިމެނެ އެވެ.
މި ބަލިން ރައްކާތެރިވުމަށްޓަކައި ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ބަލިޖެހިފައިވާ ކުދިން ސްކޫލަށް ނުފޮނުވުމަށާއި ބަލިޖެހިފައިވާ ކުދިން ގޭތެރޭގައި އުޅޭ އެހެން ކުދިންނާ އެކަހެރިކޮށްގެން ގެންގުޅުމަށާއި އަދި ގިނަގިނައިން މީހުން އެއްވެ އުޅޭ ތަންތަނަށް ނުގެންދިއުމާއި އެ ކުދިން ބޭނުންކުރާ ތުވާލި، ތަށި އަދި ކުޅޭ އެއްޗެހި ފަދަ ތަކެތި ރަނގަޅަށް ދޮވެ ސާފުކޮށްގެން ނޫނީ އެހެން ކުދިން ބޭނުން ނުކުރުން ހިމެނެ އެވެ.