30 Sep 2014, 17:29
ރާއްޖޭގައި ބިރުވެރި މާހައުލެއް އުފެދުމަށް މަގުފަހިވާ ކަންތައްތަކާ މެދު ކަންބޮޑުވާ ކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން މިއަދު ބުނެފިއެވެ.
~
އީޔޫއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގެ ނޫސްވެރިންނާއި ސިޔާސީ މީހުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ މީހުންނާއި ސިވިލް ސޮސައިޓީގެ މީހުންނަށް ހަމަލާ ދިނުމާއި ބިރުދެއްކުން ފަދަ ކަންތައްތައް ހިނގާ ކަމުގެ ރިޕޯޓްތައް ލިބޭތީ ކަންބޮޑުވާ ކަމަށެވެ. އަދި އެކަންތައްތަކަކީ ރާއްޖޭގައި ބިރުވެރި މާހައުލެއް އުފެދުމަށް މަގުފަހިވާ ކަންތައްތައް ކަމަށް ވެސް ބުނެފައި ވެ އެވެ.
"...މިހުރިހާ ކަންތައްތަކަކީ ވެސް ރާއްޖޭގައި ބިރުވެރިކަމުގެ މާހައުލެއް އުފެދި އާއްމު ތަންތާނގައި ހިޔާލުފާޅުކުރުމަށް އޮތް ފުރުސަތު ހަނިވާ ކަންތައްތަކެވެ،" އީޔޫގެ ބަޔާނުގައި ވެއެވެ.
އީޔޫގެ ބަޔާނުގައި ކަންބޮޑުވުން ފާޅުކޮށްފައިވާ އަނެއް ކަމަކީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އާ ދެކޮޅަށް ސުޕްރީމް ކޯޓުން ހިންގާ ސުމޯޓޯ މައްސަލަ އެވެ. އެ މައްސަލަ އެހެން ހިންގުމުން އެޗްއާރްސީއެމްގެ މިނިވަން ކަމަށް ހުރަސް އެޅޭ ކަމަށް ދެކޭ ކަމަށް ވެސް ބުނެފައި ވެއެވެ.
ބަޔާނުގައި އަދި ބުނުފައި ވަނީ ރާއްޖެއަށް ޒިޔާރަތްކުރާ މީހުންނާއި ރާއްޖޭގެ ރައްޔިތުންނަށް ޓަކައި ރާއްޖޭގައި ރައްކާތެރި މާހައުލެއް ގާއިމްކޮށްދިނުމަށް ގޮވާލާ ކަމަށެވެ.