22 Jan 2011, 13:24
ހަރުދަނާ ޤާނޫނު ތަކެއްގެ ތެރެއިން، ވަރުގަދަ ޑިމޮކްރަސީއެއްގެ ބިންގާ، ރާއްޖޭގެ ސަގާފަތުގެ ތެރޭގައި ބިންވަޅު ނުނެގިއްޖެނަމަ، ރާއްޖެ އެދޭ ބަދަލު ނުގެނެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، އެމަނިކުފާނު މިހާރު ގދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެއަތޮޅު ފަރެސްމާތޮޑާ އަށް ވަޑައިގެން، އެ އެރަށު ރައްޔިތުންނާ ރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި، މި ސަރުކާރުން އަދި ސަރުކާރު ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން ރާއްޖެ ބަދަލުކުރުމަށް ބޭނުންވި ސަބަބުތަކުގެ ތެރޭގައި، މާލޭގައި ގާއިމްވެފައި އޮތް މައި ސަރުކާރުން ރަށްރަށުގެ ތަރައްޤީއަށް މަސައްކަތް ކުރާ މިންވަރު ދަށަށް ގޮސް، މުޅި ރާއްޖެއަކީ ހަމައެކަނި މާލެ ކަމުގައި ދެކޭ ދެކުމަށް ކުޑަ ވެސް ބަދަލެއް އައިސްފައި ނުވުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.
ލާމަރުކަޒީ އުސޫލުން ރާއްޖޭގެ ރަށްރަށް ހިންގުމަކީ، ހަމައެކަނި ސަރުކާރު ހިންގާ އެމްޑީޕީގެ ފިކުރެއް ކަމަށް އިޝާރާތް ކުރައްވާ މާލެއަށް ޖަމާވެފައިވާ ބާރުތަކާއި ވެރިކަން، އިންސާފުވެރި ކަމާއެކު ނުބެހިއްޖެނަމަ، ރާއްޖެއަށް ގެންނަން އެދޭ ބަދަލު ނުގެނޭވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި، ސަރުކާރުގެ ވައުދުތައް ފުއްދަމުންދިއުމުގެ ސަބަބުން ފަރެސްމާތޮޑާއަށް ލިބެމުން އަންނަ އިޖްތިމާއީ އަދި އިގުތިސާދީ ކުރިއެރުމުގެ މައްޗަށް ވެސް ބައްލަވާލެއްވި އެވެ. އެ ގޮތުން، ބޭސް ސިޓީ އަށް ސަލާން ޖެހުން ނައްތާލެއްވުމުގެ ވަޢުދުގެ ތެރެއިން، ފަރެސް މާތޮޑާގެ 346 ރައްޔިތަކަށް މަދަނައިގެ ތެރެއިން ބޭސްފަރުވާ ކުރުމުގެ އިންތިޒާމް ހަމަޖެހިފައި ވާކަމަށާއި ދޮށީ އުމުރުގެ 97 މީހަކަށް ސަރުކާރުން ދޭ 2000ރ. ޕެންޝަން ލިބުމަކީ ސަރުކާރަށް އޮތް ހިތްހަމަ ޖެހުމެއް ކަމަށް ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން، ދައުލަތުން ދޭ އެންމެ މަތީ އިނާމު، އެންމެ ފަހުން ލިބިފައި ވަނީ މަސްވެރިކަމުގެ ދާއިރާއިން ފަރެސްމާތޮޑާ ރައްޔިތަކަށްކަން ފާހަގަކުރައްވައި ސަރުކާރުގެ އަމާޒަކީ، އެ ބާވަތުގެ އުފެއްދުންތެރި މަސައްކަތް ފައިދާހުރި ހަރުދަނާ ވިޔަފާރިއަކަށް އަދި ވަޒީފާގެ ފުރުސަތުތައް ހޯދައިދޭ ވިޔަފާރިއަކަށް ބަދަލުކުރެއްވުން ކަމަށް ވިދާޅުވި އެވެ.