ގައުމީ ޔުނިވަސިޓީގެ ގދ. ތިނަދޫ ކެމްޕަސް އިމާރާތާއި ފެކަލްޓީ އޮފް އެޑިއުކޭޝަންގައި ކްލާސް ރޫމް ބްލޮކާއި ކެންޓީން އެޅުމުގެ މަސައްކަތް ކޮންޓެކްޓަރުންނާ ހަވާލުކޮށްފި އެވެ.

ގައުމީ ޔުނިވާސިޓީ އިން މިއަދު ބުނީ ތިނަދޫގައި އިމާރާތްކުރަން މިއަދު ހަވާލުކުރި އިމާރާތަކީ 2011 ވަނަ އަހަރު ބަޔަކަށް ކޮންޓްރެކްޓް އުސޫލުންދީ މަސައްކަތް ނުނިމިވާ އިމާރާތެއް ކަމަށެވެ. އަލުން އެ އިމާރާތް އެޅުމަށް ހަވާލުކުރީ ބީއޭޕީސީ އެންޑް ޓްރޭޑިން ނަމަކަށް ކިޔާ ކުންފުންޏަކާ ކަމަށާއި އެ ކުންފުނިން އެބިޑް ކާމިޔާބްކުރީ 10 މިލިއަން ރުފިޔާ އަށް ކަމަށް ޔުނިވާސިޓީ އިން ބުންޏެވެ.

"ޕްރޮޖެކްޓް ނިންމުމަށް ހަމަޖެހިފައި ވަނީ 360 ދުވަހުގެ ތެރޭގައި. މި ޕްރޮޖެކްޓްގައި ހިމެނެނީ މަސައްކަތްތެރިކަން ދަސްކޮށްދިނުމުގެ ކޯސް ހިންގުމަށް ބޭނުންވާ ވޯކްޝޮޕްތަކާއި ކްލާސް ރޫމް އަދި އިދާރީ އޮފީސް ހިމެނޭ އިމާރާތެއް،" ގައުމީ ޔުނިވާސިޓީ އިން ބުންޏެވެ.

ޔުނިވަސިޓީ އިން ބުނީ ގދ. ކެމްޕަހުގައި މިހާރު 265 ދަރިވަރުން ތައުލީމު ހާސިލު ކުރަމުންދާ އިރު އެ އިމާރާތް ނުނިމި ހުރުމުގެ ސަބަބުން ބޮޑެތި ދަތިތަކާ ކުރިމަތިވާ ކަމަށެވެ.

ފެކަލްޓީ އޮފް އެޑިއުކޭޝަންގައި ކްލާސް ރޫމް ބްލޮކާއި ކެންޓީން އެޅުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެސްޖޭ ކޮންސްޓްރަކްޝަން އެންޑް ޓްރޭޑް ކުންފުންޏާ ކަމަށާއި އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރީ ހަ މިލިއަން ރުފިޔާ އަށް ކަމަށް ޔުނިވާސިޓީ އިން ބުންޏެވެ.

މި ޕްރޮޖެކްޓްގެ ދަށުން ފެކަލްޓީ އޮފް އެޑިއުކޭޝަން އިމާރާތުގައި ލިފްޓެއް ހަރުކުރުމަށާއި ކެންޓީނެއްގެ އިތުރުން ކުލާސް ބުލޮކެއް ވެސް ހެދުމަށް ނިންމާފައިވާ ކަމަށް ޔުނިވާސިޓީ އިން ބުންޏެވެ. އެ ޕްރޮޖެކްޓްގެ ދަށުން އިތުރު އިމާރާތްތައް ވެސް އަޅަ އެވެ.

އެޕުރޮޖެކްޓް ނިންމުމަށް ދީފައި ވަނީ 150 ދުވަހުގެ މުއްދަތެކެވެ.