30 Sep 2014, 17:23
އދ. މަޖިލިސް (ސެޕެޓެމްބަރ 30): އައި އެސް ޖަމާއަތަށް ވުރެ އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމާއި ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ޙަމާސް ޖަމާއަތުގެ ނުރައްކާ އިސްރާއީލަށާއި ބައިނަލްއަގްވާމީ މުޖްތަމައަށް މާބޮޑު ކަމަށް އިސްރާއީލުގެ ހައްދުފަހަނަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ ވިދާޅުވެއްޖެ އެވެ.
އދ.ގެ ޖެނެރަލް އެސެމްބަލީގައި ތަގްރީރު ކުރައްވަމުން ނަތަނިޔާހޫ ވިދާޅުވީ ނިއުކްލިޔާ ޓެކްނޮލޮޖީގެ ގާބިލުކަން ހޯދަމުން އަންނަ އީރާނާއި އަމިއްލަ އަށް ރޮކެޓާއި ޑްރޯން އުފައްދާ ޙަމާސް ޖަމާއަތަކީ، އާދައިގެ ކްލަޝިންކޯފް ބަޑިތަކެއް ލޮރީތަކަކަށް އަޅައިގެން ދެކޮޅު ދެކޮޅަށް ދުއްވައިގެން ހިއްވަރާ އެކު ހަނގުރާމަކުރަމުން ގެންދާ އައިއެސް ޖަމައަތާ އަޅާ ވެސް ނުކިޔޭހާ ނުރައްކާތެރި ދެ ފަރާތްކަމުގަ އެވެ. އަދި އީރާނާއި ޙަމާސްގެ މަތިން ހަނދާން ނައްތާލުމަށް ފަހު ހުޅަނގުން މަސައްކަތް ކުރަނީ ހަމައެކަނި އައިއެސް ނައްތާލުމަށް ކަމަށާއި އައިއެސް ނައްތާލުމަށް ހުޅަނގުން އިއްތިޙާދު ހަދައިގެ ހަނގުރާމަކުރާ އިރު ޙަމާސްގެ އަތުން ހަތިޔާރު ނިގުޅައިގަނެ އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމް ނުހުއްޓުވިއްޖެ ނަމަ އެއީ ހަނގުރާމައިގެ މައިދާނުގައި ހުޅަނގާއި އިސްރާއީލު ބަލިވުން ކަމަށް ވެސް ނަތަނިޔާހޫ ސިފަކުރެއްވި އެވެ.
ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާއާއި އިންސާނިއްޔަތާ ޚިލާފު އަނިޔާތަކާއި ސްޓޭޓް ޓެރަރިޒަމްގެ އަމަލުތައް ފުޅާދާއިރާއެއްގައި ހިންގަމުން ގެންދާކަމަށް ތުހުމަތު ކުރެވިފައިވާ ނަތަނިޔާހޫ ވިދާޅުވީ ޙަމާސް އާއި އީރާނާ އަދި އައިއެސްއަކީ އެއްކެޓަގަރީގެ ޓެރަރިސްޓުން ކަމުގަ އެވެ. ނަމަވެސް ތަފާތަކީ ޙަމާސްއާއި އީރާނަކީ އިސްރާއީލު ވުޖޫދުން ފުހެލުމަށް މަސައްކަތްކުރާ ދެ ފަރާތް ކަމަށްވެފައި އީރާނުން އުފައްދަފާނެ ނިއުކްލިޔާ ހަތިޔާރުގެ ނުރައްކާ އިސްރާއީލަށާއި މުޅި ދުނިޔެއަށް ވެސް ބޮޑުކަން ކަމަށް އޭނާ ވިދާޅުވި އެވެ.
ބައިނަލްއަގްވާމީ މުޖްތަމައަށް ސިއްރުން ނިއުކްލިޔާ ހަތިޔާރު އުފައްދައި އެއިން އަވަށްޓެރި ގައުމުތަކަށް ބިރުދައްކައި އަދި ހަތިޔާރުގެ ބާރުގައި ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ އިސްރާއީލެވެ. ކިޔާ ޔަހޫދީ ދައުލަތަކީ އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމާ ދެކޮޅަށް އެންމެ ބޮޑަށް އަޑުއުފުލައި އީރާނުގެ ނިއުކްލިޔާ ސައިޓްތަކަށް ޙަމަލާދޭނެ ކަމުގެ އިންޒާރު ވެސް އެންމެ ބޮޑަށް ދެމުން ގެންދާ ގައުމެވެ.
އިސްރާއީލުގެ ލީޑަރުން ދެކެވަޑައިގަންނަވާ ގޮތުގައި ނިއުކްލިޔާ ހަތިޔާރު ތަރައްގީ ކުރުމަކީ އަރަބި އަދި އިސްލާމީ އެއްވެސް ގައުމަކަށް ލިބެންޖެހޭނެ ހައްގެއްނޫނެވެ. އެހެންކަމުން ނިއުކްލިޔާ ހަތިޔާރަކީ މެދުއިރުމަތީގައި ހަމައެކަނި އިސްރާއީލަށް ފިޔަވައި އެހެން ގައުމަކަށް ލިބެންޖެހޭނެ ހަތިޔާރެއް ނޫން ކަމަށް ދެކެ ނިއުކްލިޔާ ޓެކްނޮލޮޖީ ތަރައްގީ ކުރާ މެދުއިރުމަތީގެ ކޮންމެ ގައުމަކަށް ވެސް އިސްވެ ޙަމަލާދީ އެގައުމެއްގެ ނިއުކްލިޔާ ރިއެކްޓަރުތައް ހަލާކުކޮށްލުމުގެ ހަރުކަށި ސިޔާސަތެއް އިސްރާއީލުން ގެންދަނީ ތަންފީޒު ކުރަމުންނެވެ.
މެދުއިރުމަތީގެ އިސްލާމީ އެއްވެސް ގައުމަކަށް ނިއުކްލިޔާ ހަތިޔާރު ލިބުމަކީ އިސްރާއީލުން ފަލަސްތީނުގެ ބިންތައް ގަދަބާރުން ހިފައިގެން އޮންނަ އޮތުން ނިމުމަކަށް އައިސް ފަލަސްތީނުގެ ބިންތަކުން ފައިބަންޖެހުމާއި ނިގުޅައިގެންފައިވާ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް އަލުން އަނބުރައި ދިނުމަށް އިސްރާއީލަށް މަޖްބޫރު ވެގެންދާނެ ކަމެއް ކަމަށްވާތީ މިކަން އިސްރާއީލުން ސިފަކުރަމުން ގެންދަނީ އެގައުމަށާ އަދި ދުނިޔެއަށް އޮތް އާދަޔާ ޚިލާފު ބިރެއްގެ ގޮތުގަ އެވެ.
އިސްރާއީލުންވަނީ އިރާގާއި ސޫރިޔާގައިވާ ނިއުކްލިޔަރ ރިއެކްޓަރުތަކަށް ޙަމަލާދީ އެތަންތަން ހަލާކުކޮށްލާފަ އެވެ. ނަމަވެސް އީރާނަކީ އިސްރާއީލުގެ ނިއުކްލިޔާ މަރުކަޒުތަކަށް ވެސް ހަމަލާދިނުމުގެ ގާބިލްކަން ލިބިފައިވާ ދުރުރާސްތާގެ ބެލަސްޓިން މިސައިލް އުފައްދާ ގައުމަކަށްވާތީ އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ހަމަލާދޭނެ ކަމަށް ބުނެ އިސްރާއީލުން އަޑުގަދަ ކުރި ނަމަވެސް އެކަން ތަންފީޒުކުރަން އިސްރާއީލު ދަނީ ފަސްޖެހެމުންނެވެ.
އދ.ގެ ޖެނެރަލް އެސެމްބްލީގައި ތަގްރީރު ކުރައްވަމުން އިސްރާއީލުގެ ހައްދުފަހަނަޅާފައިވާ ބޮޑުވަޒީރު ވިދާޅުވީ އިސްރާއީލަށް އޮތް ހަގީގީ ނުރައްކަލަކީ އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމާއި ހަމާސް ޖަމާއަތުގެ ފިކުރު ކަމަށާ އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމް ހުއްޓުވައި ހަމާސްގެ އަތުން ހަތިޔާރު ނިގުޅައި ނުގަނެވިއްޖެ ނަމަ އިސްރާއީލު ދެމިއޮތުމަށް ނުރައްކާވާނެ ކަމުގައެވެ.
މިމޭރުމުން ވާހަކަ ދައްކަވަމުން އަރަބި ގައުމުތަކުގައި މިހާރު ހަރަކާތްތެރިވަމުންދާ އައިއެސް ޖަމާއަތްފަދަ ހަތިޔާރުއެޅި ޖަމާއަތްތަކަކީ "ނާޒީ ސްޓައިލްގެ ޓެރަރިސްޓް ޖަމާއަތްތަކެއް" ކަމަށާ އެޖަމާއަތްތައް ބަލިކޮށް ނައްތާލަންޖެހޭ ކަމަށް ނަތަނިޔާހޫ ވިދާޅުވިއެވެ. ނަމަވެސް އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމާއި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޙަމާސް ޖަމާއަތުގެ ނުރައްކާ އިސްރާއީލަށް މާބޮޑު ކަމަށާ އައިއެސް ޖަމާއަތް ނައްތާލުމަށް ހުޅަނގުން މަސައްކަތްކުރާއިރު ޙަމާސްގެ އަތުން ހަތިޔާރު ނިގުޅައިގަނެ އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމް ނުހުއްޓުވުމަކީ ހަނގުރާމައިގެ މައިދާނުގައި ހުޅަނގާއި އިސްރާއީލު ބަލިވެގެންދިޔުން ކަމަށް ނަތަނިޔާހޫ ސިފަކުރެއްވި އެވެ.
އައިއެސް އާއި ޖަބްހަތުއްނުސްރާއާއި އަލްގާއިދާ ފަދަ ޖަމާއަތްތަކަކީ އިސްރާއީލަށް އޮތް ސީދާ ބިރެއްނޫންކަމަށާ އެޖަމާއަތްތަކުން ހިންގާ ބަދަލު ހިފުމުގެ ހަމަލާތަކުގެ ދާއިރާގައި އިސްރާއީލު ނުހިމެނޭކަމަށް އިސްރާއީލުގެ ޖާސޫސީ މަސްއޫލުވެރިއަކު ތަންކޮޅެއް ކުރިންވެސް ވަނީ ވިދާޅުވެފަ އެވެ. ހުޅަނގުގެ ޖާސޫސީ ފަރާތްތަކުން ލަފާކުރާ ގޮތުގައި ހަމާސް އަކީ އައިއެސްއަށްވުރެ ހަނގުރާމަވެރިންގެ އަދަދު އެތަށް ގުނައެއް ގިނަ އަދި ޓެކްނޮލޮޖީގެ ގޮތުން މާމޮޅު ޖަމާއަތެކެވެ. ހަމާސް އިން ފަލަސްތީނުގެ މިނިވަންކަމަށްޓަކައި އިސްރާއީލާ ދެކޮޅަށް ހަނގުރާމަ ކުރާ ގޮތަށް އައިއެސް އާއި އަލްގާއިދާފަދަ ޖަމާއަތްތައް އިސްރާއީލާ ދެކޮޅަށް ތެދުވުމުގެ ފުރްސަތު ނެތްކަމަށާ އިސްރާއިލާ ހަނގުރާމަ ކުރުމަކީ އެ ފަދަ ޖަމާއަތްތަކުގެ މަސްލަހަތު އޮތް ކަމެއް ނޫން ކަމަށް އިސްރާއީލުގެ ޖާސޫސީ ފަރާތްތަކާ ހަވާލާދީ އިސްރާއީލުގެ ޔަދިއޯތު އަހްރަނޯތު ބުނެފައިވެ އެވެ. (ނޫސްއެޖެންސީތައް)