މި އަހަރުގެ ޒުވާނުންގެ ދުވަސް ކުލަގަދަ ރަސްމިއްޔާތަކާ އެކު އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ފާހަގަކުރުމަށް ހަމަޖެހިފައިވާ ކަމަށް، ކުޅިވަރާ ބެހޭ ވަޒީރު މުޙައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.

އަތޮޅުތަކުގެ ޒުވާނުންގެ މަރުކަޒުތަކަށް ބޭނުންވާ ޖިމް އަދި އެރޮބިކްސް އިންސްޓްރަކްޓަރުން ތަމްރީނުކުރުމަށް ބޭއްވި ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މަލީހު ވިދާޅުވީ، މި އަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް އެ ވުޒާރާއިން ވަރަށް ބޮޑަށް ތައްޔާރުވަމުންދާ ކަމަށެވެ.

"ނޮވެމްބަރު މަހުގެ ތެރޭގައި ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ތާރީޚެއް ކަނޑައެޅި، ނިމިދިޔަ 2013 ވަނަ އަހަރުގެ ޒުވާނުންގެ އެވޯޑް ހާސިލް ކުރެއްވި ފަރާތްތަކަށް އެވޯޑް ދިނުން އޮންނާނެ،" ޒުވާންނާއި ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވި އެވެ.

ޒުވާނުންގެ ދުވަސް ކުލަގަދަ ގޮތެއްގައި މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ފާހަގަކުރުމަށް ސަރުކާރުން ތައްޔާރުވަމުންދާ އިރު، 'ޒުވާނުންގެ ސަރުކާރެއް'ގެ ގޮތުގައި މަޝްހޫރުވެފައިވާ ރައީސް ޔާމީނުގެ ވެރިކަމަށް އަންނަ ނޮވެމްބަރު 17 ވަނަ ދުވަހު އެއް އަހަރު ފުރޭނެ އެވެ.

މި އަހަރުގެ ޒުވާނުންގެ އެވޯޑަށް ކުރިމަތި ލުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލެވޭނޭ ކަމަށް ވެސް ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވި އެވެ.

ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގެ ކޯޑިނޭޓަރު ޙުސައިން އަމީން ވިދާޅުވީ، 2014 ވަނަ އަހަރުގެ ޒުވާނުންގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މި ހަފްތާ ތެރޭގައި ހުޅުވިގެންދާނޭ ކަމަށެވެ. އަދި މި އަހަރުގެ ޒުވާނުންގެ ދުވަހާ ގުޅޭ ހާއްސަ ޕްރޮގްރާމްތަކުގެ މައުލޫމާތު ވަރަށް އަވަހަށް މީޑިއާ އަށް ހާމަކުރައްވާނޭ ކަމަށް ވެސް އަމީން ވިދާޅުވި އެވެ.