30 Sep 2014, 16:06
ނިމިދިޔަ ސަމަޓްރާންސްފާގައި ސްޕެއިންގެ ރެއާލް މެޑްރިޑުން އިޓަލީގެ ޔުވެންޓަސްއަށް ބަދަލުވި ޒުވާން ފޯވާޑް އަލްވާރޯ މޮރާޓާ ރެއާލް ދޫކޮށް ދިޔައީ އޭނާއަށް ކްލަބުން އިތުރުބާރު ނުކުރުމުން ކަމަށް މޮރާޓާ ބުނެފި އެވެ.
މޮރާޓާ ބުނީ، ރެއާލް ދޫކޮށްލުމަށް އޭނާ ނިންމި ނިންމުމާ ދޭތެރޭގައި އެއްވެސް ވަރަކަށް ދެރަ ނުވާ ކަމަށެވެ.
"އަހަރެން ރެއާލް ދޫކޮށް އަންނަން ޖެހުނީ ހާލަތު ވަރަށް ބޮޑަށް އޮޅުންބޮޅުން ވުމުން،" އޮންޑާ ސީރޯއަށް ސްޕެއިންގެ ޒުވާން ފޯވާޑް ބުންޏެވެ. "އަހަރެން ބޭނުންވީ ރެއާލްއަށް މުޙިއްމު ކުޅުންތެރިއަކަށް ވާން. އަދި ކްލަބުގެ ކޯޗު އަހަންނަށް އިތުބާރު ކުރާނޭ ކަމަށް އަހަރެން އުންމީދުކުރިން."
މޮރާޓާ ބުނީ، އޭނާގެ މިހާރުގެ ކްލަބުގައި ހުރީ ވަރަށް ހިތްހަމަޖެހިގެން ކަމަށާއި އަދި ޗެމްޕިއަންސް ލީގުގައި މާދަމާރޭ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗަށް މެޑްރިޑަށް ދިއުމުގެ އުންމީދުގައި ހުރި ކަމަށެވެ.
"އަހަރެން ޔުވެންޓަސްގައި މިހުރީ ވަރަށް އުފަލުން. މި ކްލަބުވެސް އަދި އާންމުގޮތެއްގައި މިތަނުގައި ދިރިއުޅުމުގެ ހުރިހާ ކަމެއްވެސް ވަރަށް ބަރާބަރު. މިއީ އަހަރެން އުންމީދު ކުރި ގޮތަކީ. އަހަންނަށް އެނގޭ ޔުވެންޓަސް އަކީ، އިޓަލީގަވެސް އަދި ޔޫރަޕްގައި ވެސް ބޮޑު ކްލަބެއް،" މޮރާޓާ ބުންޏެވެ.
"މިފަދަ ބޮޑު މުބާރާތެއްގައި އެތުލެޓިކޯއާ ދެކޮޅަށް ކުޅޭ މެޗު ވެގެންދާނީ އުނދަގޫ މެޗަކަށް،" ޒުވާން ފޯވާޑް ބުންޏެވެ. "އަހަރެމެންނަށް އިނގޭ، އެތުލެޓިކޯއަކީ ޔޫރަޕުގެ ވަރުގަދަ ޓީމެއްކަން. އެހެން ނަމަވެސް އަހަރެމެން މެޑްރިޑަށް މިދަނީ މެޗުން ލިބޭ އެންމެ ގިނަ ޕޮއިންޓު ހޯދަން."
ރެއާލްގައި ހޭދަކުރި ދުވަސްތަކުގައި މޮރާޓާ ވަނީ އެ ކްލަބަށް 2013-14 ސީޒަންގެ ލަލީގާގައި 23 މެޗު ކުޅެފައެވެ.