ައިފޯނު 6 އަދި އައިފޯނު 6 ޕްލަސް ލެނބޭ ކަމަށް ބުނާ ވާހަކަ ތަކާއި އޭގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުވެފައި ވަނިކޮށް، އަދި އެޕަލް އިން ދާދި ފަހުން ނެރުނު އައިއޯއެސް އަށެއްގެ ވެސް ބޮޑެތި މައްސަލަތަކެއް ހުރިކަމަށް ފާހަގަ ވެފައި ވަނިކޮށް އައިފޯން 6 ޕްލަސް އެއް ބިންދާލާ ވީޑިއޯ އެއް އާންމު ވެއްޖެއެވެ.

ފަސް މިނިޓްގެ އެ ވީޑިއޯ އިން ފެންނަ ގޮތޮގައި 15 އަހަރުގެ ދެ ކުއްޖަކު އެޕަލް ސްޓޯރ ގެ ފިހާރަ އަކަށް ވަދެ ގޯލްޑް ކުލައިގެ އައިފޯން 6 ޕްލަސް ގެ ފޯނެއް ނަގައިގެން ލަންބުވަން މަސައްކަތް ކުރެއެވެ. އަދި އެކުދިންނަށް ލެވޭ ޕްރެޝަރ ގެ ސަބަބުން ފޯނުގެ ސްކްރީން ނުކުމެއެވެ. އެ ދެކުދިން ބުނިގޮތުގައި ފިލަން ދުއްވައިގަތީ އައިފޯނަށް ފައިސާ ދައްކަންޖެހިދާނެ ކަމުގެ ބިރުހީވީމަ އެވެ.

އެހެން ނަމަވެސް ފިހާރައިގެ މީހުން ވަނީ އެދެކުދީން އަތުލައިގަނެފަ އެވެ.
އައިފޯނު 6 ޕްލަސް ލެނބޭތޯ އެދެކުދީން ފިހާރައިގެ މީހުންނާ ސުވާލުކުރި އެވެ. ނަމަވެސް އެމީހުން އެކަން ދޮގު ކުރީ "އިންޓަރނަލް ރޫމާ" އެކޭ ބުނެފައެވެ.

އެކުދިން އިތުރަށް ބުނީ ކުރެވުނީ ގޯސް ކަމަކަށް ވިއަސް އޭގެ ޒިންމާ ނަގަންޖެހޭނީ އެޕަލް އިން ކަމަށެވެ. "އެއީ އެޕަލް ގެ މައްސަލައެއް. އެމީހުން ގޯސްކޮށް އިޝްތިހާރު ކުރަނީ. ބުނަނީ އައިފޯނަކީ އެންމެ މޮޅު ފޯނު ކަމަށް. އެކަމަކު އެއީ މުޅިން ދޮގު. ޖީބު ތެރޭގައި އޮންނަ އިރު ނުވަތަ އަމިއްލަ އަތުން ފޯނު ލަންބައިލެވެންޏާ އެއީ ވަރަށް ބޮޑު މައްސަލައެއް."

އައިފޯނު ލެނބޭ ކަމުގެ ޝަކުވާތައް ގިނަވެފައި ވަނީ ކިހާ ވަރަކަށް ކަން ސާފުނުވާ އިރު، މީހަކު ދެއަތުން ބާރުލައި އައިފޯނެއް ލަންބާލާތަން ދައްކާ ވީޑިއޯއެއް ވެސް ޔޫޓިއުބް ގައި ދާދިފަހުން ވަނީ އާންމުވެފަ އެވެ.
އައިފޯނު 6 ޕްލަސް ލެނބުމާ ގުޅޭގޮތުން އެޕަލްއިން ބުނެފައިވާ ގޮތުގައި ބައެއް ހާލަތް ތަކުގައި އައިފޯނުތައް ލެނބުނަސް ރަސްމީކޮށް ހުށަހަޅާފައި އޮތީ ނުވަ މައްސަލައެކެވެ.

ކޮންސިއުމަރ ރިޕޯރޓް ގެ ތަޖުރިބާކާރުން ބުނާ ގޮތުގައި އައިފޯން 6 އަދި 6 ޕްލަސް ލެނބުމުގެ މައްސަލައިގައި ވާހަކަ ދައްކާ ގިނަ ފަރާތްތައް ދައްކަނީ ބޮޑުކޮށްލައިގެންނެވެ. އެމީހުން ވަނީ ގިނަ ވައްތަރުތަކެއްގެ ފޯނު ބޭނުންކޮށްގެން "ސްޓްރެސް ޓެސްޓް" ތައް ހަދައިފަ އެވެ. އެ ޓެސްތަކުން ދައްކާގޮތުގައި ގިނަ ވައްތަރުތަކުގެ ފޯނުތަކަށް ވުރެ އައިފޯނު 6 ވަރުގަދަ ގަދަ އެވެ. އަދި އައިފޯނު 6 އަށް ވުރެ ވެސް އައިފޯނު 6 ޕްލަސް ވަރުގަދަކަމަށް އެމީހުންގެ ޓެސްޓް ތަކުން ދައްކަ އެވެ.

ސްކްރީންގައި 5.5 އިންޗި ހުންނަ އައިފޯން 6 ޕްލަސް އެހެން އައިފޯނު ތަކަށް ވުރެ ދިގުވެފައި ތުންޏެވެ.