ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ކ. އަތޮޅުގެ ރަށަކުން ހައްޔަރު ކުރި މީހާގެ ބަންދުގެ މުއްދަތު 13 ވަނަ ފަހަރަށް ކޯޓުން އިތުރުކޮށްދީފި އެވެ.

މިދިޔަ މެއި މަހުގެ ތެރޭގައި ހައްޔަރު ކުރި އެ މީހާގެ ބަންދުގެ މުއްދަތު 13 ވަނަ ފަހަރަށް ކްރިމިނަލް ކޯޓުން އިތުރުކޮށްދީފައި ވަނީ މިދިޔަ ހަފްތާގަ އެވެ. އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރަމުން އައިސްފައި ވަނީ އެކި ފަހަރު އެކި އެކި މުއްދަތަށެވެ. އެގޮތުން 13 ވަނަ ފަހަރަށް އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައި ވަނީ އިތުރު 15 ދުވަހަށެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ނުކުޅެދޭ ކުއްޖަކު "ޖިންސީ ޝިކާރައަކަށް" ހެދި ކަމުގެ ތުހްމަތުގައި ހައްޔަރުކޮށްގައި ވަނީ ނުކުޅެދުންތެރިކަން ހުންނަ ކުއްޖާއާ އާއިލީ ގުޅުން އޮންނަ މީހެކެވެ.

އުމުރުން 25 އަހަރުގެ އެމީހާ ޖިންސީ ގޯނާ ކޮށްފައި ވަނީ އުމުރުން 14 އަހަރުގެ ކުއްޖަކާ އެވެ. އެ ކުއްޖާގެ އާއިލާ އިން ކިޔައިދިން ގޮތުގައި އެކި ފަހަރުގެ މަތިން އެމީހާ ވަނީ އެ ކުއްޖާ އަށް ޖިންސީ ގޯނާކޮށްފަ އެވެ. އަޑު އެހުމާއި ވާހަކަ ދެއްކުމުގައި ނުކުޅެދުންތެރިކަން ހުންނަ އެ ކުއްޖާ ވަނީ އޭނާ އަށް ޖިންސީ ގޯނާކުރި ދުވަސްތައް އޭނާ ގެންގުޅޭ އައިޕެޑެއްގައި ފާހަގަކޮށްފަ އެވެ.

އޭނާގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފައިވީ ނަމަވެސް އެ މައްސަލަ މިހާރު ވަނީ ޕްރެސެކިއުޓާ ޖެނަރަލް އޮފީހަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ހުށަހަޅާފަ އެވެ.