30 Sep 2014, 14:45
ޑިމޮކްރެޓިކް ޕީޕަލްސް ރިޕަބްލިކް އޮފް ކޮރެއާ ނުވަތަ ނޯތު ކޮރެއާގައި އާންމުން އުޅޭ ސަރަހައްދުތަކުގައި މޯބައިލް ފޯނު ބޭނުންކުރާ ގޮތުގެ ރީތި އާދަތައް ދަސްކޮށްދޭ ގައިޑްލައިންތަކެއް ނެރެފި އެވެ.
ބީބީސީ އިން އިއްޔެ ބުނި ގޮތުގައި ނޯތު ކޮރިއާގެ ސްޓޭޓް މީޑިއާ އިން މޯބައިލް ފޯނު ބޭނުންކުރުމުގައި ގެންގުޅެން ޖެހޭ ރީތި އާދަ ކިޔައިދީފައިވާ ގައިޑްލައިނެއް ނެރުނީ އެ ގައުމުގައި މޯބައިލް ފޯނު ބޭނުންކުރުން މިހާރު އާންމުވެފައި ވާތީ އެވެ. އަދި 2008 ވަނަ އަހަރު ފުރުތަމަ ފަހަރަށް ޕަބްލިކް މޯބައިލް ނެޓްވޯކެއް ލޯންޗުކުރުމާ ގުޅިގެން އެ ގައުމުގައި މޯބައިލް ފޯނު ބޭނުންކުރާ މީހުންގެ އަދަދު ދެ މިލިއަނަށް ވުރެ ގިނަ ވެއްޖެ ކަމަށް ވެސް ބީބީސީ އިން މައުލޫމާތުދެ އެވެ.
ނޯތު ކޮރެއާގެ ސްޓޭޓް މީޑިއާ އިން ނެރުނު ގައިޑްލައިންތަކަކީ ހަމައެކަނި އެ ގައުމުގައި ދިމާވާ ކަންކަމެއް ނޫން ކަމަށާއި މޯބައިލް ފޯނު ބޭނުންކުރާ ކޮންމެ ގައުމެއްގައި ވެސް އެފަދަ ކަންކަން ދިމާވާ ކަމަށް ބުންޏެވެ. އޭގެ ތެރޭގައި މީހުން ގިނަ ސަރަހައްދުތަކުގައި އަޑުގަދަކޮށް ފޯނުން ވާހަކަ ދެއްކުމަކީ ހުތުރު ކަމެއް ކަމަށް ވެސް ކިޔައިދީފައިވެ އެވެ.
"އާންމުންގެ ތެރޭގައި ފޯނުގައި ހުރެގެން ބާރަށް ވާހަކަ ދައްކައި، ޒުވާބުކުރުމަކީ އަދަބުކުޑަ އަމަލެއް،" މޯބައިލް ފޯނު ބޭނުންކުރުމުގެ ރީތި އާދަތައް ކިޔައިދީފައިވާ އެގައިޑްލައިން ފޮތުގައި ލިޔެފައިވެ އެވެ.
ނޯތު ކޮރެއާގެ ނަމުން ޑިމޮކްރެޓިކް ސަރުކާރެއް ކަމަށް ބުންޏަސް، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އެގައުމު ހިންގުމުގައި ކިމް އާއިލާގެ ބޮޑު ނުފޫޒެއް އޮވެ އެވެ. އަދި އެއީ އާންމުންނަށް މޯބައިލް ފޯން ނެޓްވޯކެއް ދިން ކަމުގައި ވިޔަސް އިންޓަނޭޝަނަލް ކޯލް ކުރުމުގެ ހުއްދަ ނޯންނަ އެއް ސަބަބު ކަމުގައި މީޑިއާގެ ރިޕޯޓުތަކުން ބުނެ އެވެ.