30 Sep 2014, 14:29
މާލޭގައި ހަދަމުންދާ ގެއެއްގައި ޖަހާފައި ހުރި ބިއްގަނޑެއް ވެއްޓި މީހަކަށް އަނިޔާވެއްޖެ އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު މިއަދު ސަން އަށް ވިދާޅުވީ މިއަދު މެންދުރު 11:45 އެހާކަންހާއިރު ފަރީދީމަގުން މ. ގުލްހަޒާރުމާގޭގެ މަގު މައްޗަށްވާ ގޮތަށް ޓިނުން ހަދާފައި ހުރި އެ ބިއްގަނޑު ވެއްޓިގެން އަނިޔާވި މީހާ އަށް ފަރުވާދިނުމަށް އައިޖީއެމްއެޗްް އަށް ގެންގޮސްފައިވާ ކަމަށާއި އެމީހާ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ބިއްގަނޑު ވެއްޓުނު ގަޑީގައި އެ މަގުންލާފައި ދިޔަ އެމްއެންޑީއެފްގެ ވެހިކަލަކަށް އަރުވައިގެންނެވެ.
"އެމީހާ އަށް އަނިޔާވެގެން އެމްއެންޑީއެފްގެ ވެހިކަލްގައި އައިޖީއެމްއެޗަށް ގެންގޮސްފައި ވަނީ،" އޮފިސަރު ވިދާޅުވި އެވެ.

މ. ގުލްހަޒާރުމާގެ: އެގެ ހަދަން ޖަހާފައި ހުރި ބިއްގަނޑެއް ވެއްޓި މީހަކަށް ވަނީ އަނިޔާވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެމްއެންޑީއެފުން ވަނީ މަގުމައްޗަށް ވެއްޓުނު އެ ބިއްގަނޑު ނެގުމުގައި ވެސް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. ނަމަވެސް އެ މީހާއާ ބެހޭ އިތުރު ތަފްސީލެއް އެމްއެންޑީއެފަކުން ނުދެ އެވެ.