ހދ. ކުޅުދުއްފުށީގެ ފެން ހިންދުމުގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އާއި މޯލްޑިވްސް ރޯޑް ޑިވެލޮޕެމެން ކޯޕަރޭޝަން އާ ހަވާލުކޮށްފި އެވެ.

އެންވައިރަމެންޓް މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ތޯރިގް އިބްރާހިމް އެވެ. އެމްޑްބްލިޔްއެސްސީގެ ފަރާތުން އެ އެއްބަސް ވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑައިރެކްޓަރު އަހުމަދު އުމަރެވެ. އަދި ރޯޑް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އިބްރާހިމް ނަޒީމެވެ.

މިނިސްޓަރު ތޯރިގް ވިދާޅުވީ އެ ޕްރޮޖެކްޓް އެ ދެ ކުންފުއްޏާ ހަވާލުކުރީ ދެ ބަޔަކަށް މަސައްކަތް ކުރުމަށް ކަމަށެވެ. އެގޮތުން އެއްބަޔަކީ މެޓީރިއަލް ގަތުން ކަމަށާއި އެކަން ހަވާލުކުރީ އެމްޑަބްލިޔްއެސްސީއާ ކަމަށާއި އެ ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ކުރުން ހަވާލުކުރީ ރޯޑް ޑިވެލޮޕްމެންޓާ ކަމަށެވެ.

އެ ޕްރޮޖެކްޓަކީ 14 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ކަމަށާއި އެއީ ގުލޯބަލް އެންވައިރަމެންޓަލް ފެސެލިޓީ(ޖެފް)ގެ ހިލޭއެހީއެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ ޕުރޮޖެކްޓްގެ މަސައްކަތް ނިންމާލަން ފަސް މަސް ދުވަސް ދީފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެމްޑްބްލިޔްއެސްސީގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު އުމަރު ވިދާޅުވީ އެ ޕްރޮެޖެކްޓްގެ ދަށުން ކުޅުދުއްފުށީގެ ހަތަރު މަގެއްގެ ހަތަރު ސަރަހައްދެއްގެ ބިމުއަޑީގައި ޓޭންކް ބަަހައްޓައިގެން އެއަށް ފެން ހިންދޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށެވެ. އެ ޓޭންކަށް އެޅޭ ފެނަކީ ގަސް ގަހަށް ފެންދިނުމަށް ފަހުން ބޭނުން ވެސް ކުރެވޭނެ ފެން ކަމަށް އުމަރު ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ އެ ޕްރޮޖެކްޓަށް ބޭނުންވާ ސާމާނު ތިން މަސް ތެރޭގައި ގެންނަވާނެ ކަމަށެވެ.

ރޯޑް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމް ވިދާޅުވީ ކުޅުއްދުށީގައި އެ ކުންފުނިން މިހާރު ވެސް މަގު ހެދުމުގެ މަޝްރޫއެއް ކުރިއަށް ގެންދާތީ މިއަދު ހަވާލުކުރި ޕްރޮޖެކްޓް ތާރީހަށް ނިންމާލެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ.