މޮސްކޯ : ރަޝިޔާއިން މުސްލިމުންނަށް އަމާޒުކޮށްގެން ޚާއްސަ ޓީވީ ސްޓޭޝަނެއް ހުޅުވަން ތައްޔާރުވަމުން އެބަދެއެވެ. ކުރިޔަށް އޮތް ދިހަވަރަކަށް އަހަރު ތެރޭގައި މިސްޓޭޝަން ހުޅުވޭނެ ކަމަށާއި މިސްޓޭޝަންގެ ބޭނުމަކީ ރަޝިޔާގެ އާބާދީގައި ހިމެނޭ 20 މިލިޔަނަށްވުރެ ގިނަ މުސްލިމުންނާއި ރަޝިޔާގެ އެހެންދީތަކުގެ މީހުންނާ ދެމެދު އެއްބައިވަންތަކަމާއި ތަސާމުޙްގެ ރޫހު އަށަގެންނެވުން ކަމަށް ރަޝިޔާގެ މުފްތީ ވިދާޅުވިއެވެ.

ރަޝިޔާގެ އާބާދީގެ 7.5 އިންސައްތައަކީ މުސްލިމުންނެވެ. އަދި ރަޝިޔާއަކީ މުސްލިމުންގެ ވަރަށްގިނަ ޢިލްމުވެރިންތިބި އަދި މުސްލިމުންގެ މުއްސަނދި ތަރިކައަކާއި ޘަޤާފަތެއް އޮތް ޤައުމެކެވެ. ރަޝިޔާގެ އިއްތިޙާދުގައި ޗެޗެނިޔާފަދަ އިސްލާމީ ޖުމްހޫރިއްޔާތައްވެސް ހިމެނެއެވެ. ޗެޗްނިޔާގެ މިނިވަން ކަމަށް އެޤައުމުގެ މުސްލިމުންކުރި ޖިހާދު ފުނޑުފުނޑު ކޮށްލުމަށް ރަޝިޔާ ހިންގި އަނިޔާވެރި ޢަމަލުތަކުގެ ސަބަބުން ރަޝިޔާގެ މުސްލިމުންނާއި ކްރެމްލިން (ރަޝިޔާގެ ވެރިކަމުގެ ނިޒާމް) އާދެމެދު ކުރިންއޮތް އިތުބާރަށް ވަނީ ބުރޫއަރާފައެވެ. އަދި މިޢުދުވާނުގެ ސަބަބުން ނިކަމެތި ކޮށްލެވުމުގެ އިޙްސާސްވެސް ރަޝިޔާގެ މުސްލިމުންނަށްވަނީ ކުރެވިފައެވެ.

މީގެތިންއަހަރުކުރިން ރަޝިޔާވަނީ ރަޝިޔާ ޓުޑޭ ޓިވީ ނެޓްވާކުގެ ޢަރަބި ޗެނެލްއެއްވެސް އިފްތިތާހު ކޮށްފައެވެ. ރަޝިޔާގެ އަރަބި ޗެނެލްއާއެކު ބީ.ބީ.ސީ ން ވެސްވަނީ ޢަރަބި ޗެނެލްއެއް އިފްތިތާޙް ކޮށްފިއެވެ. އަދި ފަރަންސޭސިވިލާތުގެ ފްރާންސް 24 އިންވެސްވަނީ ޢަރަބި ޗެނެލްއެއް އިފްތިތާޙް ކޮށްފައެވެ.