"ޔުނިވާސަލް ޕީރިއޮޑިކް ރިވިއު" (ޔޫޕީއާރު) ރިޕޯޓުގައި ޖުޑިޝަރީގެ އަގުވައްޓާލަން އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށް ހިއުމަންރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗުއާރުސީއެމް) އިން ބުނެފި އެވެ.

ސުޕްރީމް ކޯޓުން ބަލަމުން އަންނަ ސުމޯޓޯ މައްސަލައިގެ މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި، މުޅި ޖުޑިޝަރީގެ އިތުބާރު ގެއްލޭ ގޮތަށް އެޗުއާރުސީއެމުން އަމަލު ކުރީ ކީއްވެތޯ ފަނޑިޔާރުންގެ ބެންޗުން ކުރި ސުވާލަކަށް ޖަވާބު ދާރީވަމުން އެޗްއާރްސީއެމްގެ ވަކީލު މައުމޫން ހަމީދު ވިދާޅުވީ ޖުޑިޝަރީގެ އަގުވައްޓާލަން އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށެވެ. އަދި އެޗުއާރުސީއެމުން ތައްޔާރު ކުރި ރިޕޯޓަށް ސުޕުރީމް ކޯޓުން ދޭން ޖެހޭ މައުލޫމާތު ހިފަހައްޓާފައިވޭތޯ ސުވާލު ކުރުމުން އެޗުއާރުސީއެމުން ވަނީ އެކަމަށް އިންކާރު ކޮށްފަ އެވެ.

މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން އެޗުއާރުސީއެމްގެ ފަރާތުން ބުނީ އެކޮމިޝަނުން ތައްޔާރުކުރި ރިޕޯޓުގައި ހިމަނާފައި ވަނީ އަމިއްލަ ބައެއް ޖަމިއްޔާތަކުން ކޮށްފައިވާ ސާވޭތަކާއި ސަރުކާރުގެ ފަރާތުން ހާމަކޮށްފައިވާ މައުލޫމާތުގެ އިތުރުން އެ ކޮމިޝަނުން ކޮށްފައިވާ ތަހުގީގުތަކާއި ތަހުގީގުތައް ހިންގުމުގައި ކޮމިޝަނަށް ދިމާވި ގޮންޖެހުންތަކުގެ ތަފްސީލު ކަމަށެވެ. އެގޮތުން ޔޫޕީއާރު ރިޕޯޓުގައި ޖުޑިޝަރީއާ މެދު ރައްޔިތުންގެ އިތުބާރު ނެތް ކަމަށް ދެކޭ ކަމަށް ހިމަނާފައި ވަނީ އެޗުއާރުސީއެމްގެ އަމިއްލަ އޮޕީނިއަން އަށް ނޫން ކަމަށާއި އެއީ އަމިއްލަ ޖަމިއްޔާއަކުން ކޮށްފައިވާ ސާވޭއެއްގެ ނަތީޖާ ކަމަށް މައުމޫން ހަމީދު ވިދާޅުވި އެވެ.


ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުން ވަނީ އެޗުއާރުސީއެމުން ރިޕޯޓު ތައްޔާރު ކުރި އިރު، ޖުޑިޝަރީން ރިޕޯޓުތަކާ ދޭތެރޭ ދެކޭގޮތް ހޯއްދެވިންތޯ ސުވާލުކޮށްފަ އެވެ. އޭގެ ޖަވާބުގައި އެޗުއާރުސީއެމްގެ ވަކީލު ވިދާޅުވީ ނުހޯދާ ކަމަށެވެ. އަދި ރިޕޯޓު ތައްޔާރު ކުރުމަށް ޖުޑިޝަރީ އިން އެއްބާރުލުން ދިންތޯ ސުވާލު ކުރުމުން މައުމޫން ހަމީދު ވިދާޅުވެފައި ވަނީ ދީފައިވާ ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލިސް ނިންމާލުމުގެ ކުރިން ހުލާސާގައި އެއްވެސް އެއްޗެއް ވިދާޅުވާން ބޭނުންތޯ އެޗްއާރުސީއެމްގެ ވަކީލް އާ ސުވާލު ކުރުމުން ވިދާޅުވެފައި ވަނީ ދަންނަވާނެ ވާހަކަ އެއް ނެތް ކަމަށެވެ.

ސުމޯޓޯ މައްސަލަ ބަލަން ފަށާފައި ވަނީ ސުޕްރީމް ކޯޓުގެ އިހްތިސޯސް އޮޅޭ ގޮތަށް ޔޫޕީއާރު ރިޕޯޓުގައި ހަގީގަތާ ޚިލާފު ވާހަކަތަކެއް ހިމަނާފައި ވާތީ ކަމަށް ބުނެ އެވެ. އަދި އެ މައްސަލަ ބަލަނީ ގާނޫނު އަސާސީގެ 141 ވަނަ މާއްދާ އާއި ކޯޓުތަކާ ބެހޭ ގާނޫނުގެ ނުވަ ވަނަ މާއްދާގެ އިތުރުން ސުޕްރީމް ކޯޓުގެ ގަވާއިދުގެ 86 ވަނަ މާއްދާގެ ދަށުންނެވެ.