ޓޫރިޒަމްގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރަމުން އަންނަ ކ. މާފުށީ އުތުރު ފަރާތް ގިރާލާފައި ވާތީ އެ ސަރަހައްދު ހިމާޔަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

އެންވައިރަމެންޓް މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތުގައި، މާފުށީގައި ތޮށިލުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރު ތޯރިގް އިބްރާހިމެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ ސީއީއޯ އިބްރާހީމް އަބުދުއް ރައްޒާގެވެ.

މިނިސްޓަރު ތޯރިގު ވިދާޅުވީ މާފުށީ ގިރާ ސަރަހައްދަކީ ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ ގިނަ އިމާރާތްތަކެއް ހުންނަ ސަރަހައްދެއް ކަމަށާއި އެ ސަރަހައްދު ވަނީ ވަރަށް ބޮޑަށް ގިރާލާފައި ކަމަށެވެ. އެ ޕްރޮޖެކްޓްގެ މަަސައްކަތުގެ އަގަކީ 10.14 މިލިއަން ރުފިޔާ ކަމަށާއި އެ މަސައްކަތް ހަވާލުކުރީ އަށް މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިކަމަކީ ވަރަށް އަވަސް ފުރުސަތެއްގައި ކުރަން ޖެހޭ ކަމެއް ކަމަށް ސަރުކާރުން ދެކެން. އެހެންކަމުން މާފުށީގެ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން މި މަސައްކަތް މިހަވާލުކުރެވުނީ،" މިނިސްޓަރު ތޯރިގް ވިދާޅުވި އެވެ.

އެމްޓީސީސީގެ ސީއީއޯ އިބްރާހީމް އަބުދުއްރައްޒާ ވިދާޅުވީ އެ ޕުރޮޖެކްޓްގެ ދަށުން މާފުށީގައި ގިރާ ސަރަހައްދުގައި 403 މީޓަރުގެ ރިވެޓްމެންޓެއް ބޮޑު ހިލަ ބޭނުންކޮށްގެން ޖަހާނެ ކަމަށާއި އެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

ތޯރިގް ވިދާޅުވީ ރަށް ގިރު މުގެ ކަންކަން ހައްލުކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަންދޭ ކަމަށެވެ. އަދި މިހާރު ވެސް 116 ރަށެއް ގިރާ ކަމުގެ މައުލޫމާތު އެ މިނިސްޓްރީ އަށް ލިބިފައިވާ ކަމަށެވެ. އޭގެ ތެރެއިން 64 ރަށެއްގައި ވަރަށް ބޮޑަށް އެ މައްސަލަ ދިމާވެފައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.