30 Sep 2014, 12:28
ރާއްޖޭގައި މާކެޔޮޅުން ތަމްރީނުކުރުމަށް ކަރިކިއުލަމެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި އެވެ.
މޯލްޑިވްސް ފިޝަމެންސް އެސޯސިއޭޝަނުން އިސްނަގައިގެން މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި މަހާސިންތާގައި ކަރިކިއުލަމްގައި ހިމަނާނެ ބައިތަކާ ބެހޭ ގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.
އެ މަހާސިންތާގައި ފިޝަރީޒު މިނިސްޓްރީގެ އިތުރުން އެމްޓީސީސީ ފަދަ ކުންފުނިތަކުން ބައިވެރިވި އެވެ.
ފިޝަރީޒު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އާދަމް މަނިކު މިއަދު ސަން އަށް ދެއްވި އިންޓަވުއެއްގައި ވިދާޅުވީ މަހާސިންތާގެ ބައިވެރިން އެ ކަރިކިއުލަމަށް އިތުރު ކުރަން ބޭނުންވާ ބައިތައް އިތުރު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި އޭނާ ވިދާޅުވީ ފިޝަމެންސް އެސޯސިއޭޝަންގެ ތަމްރީން ސެޓްފިކެޓަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) ގަބޫލުކުރާ ފެންވަރުގެ އެއްޗަކަށް ވެގެންދާނެ ކަމަށެވެ.
"މަސްވެރި ކެޔޮޅުންނަށް ކޮންމެހެން އެނގެންޖެހޭ އަސާސީ ކަންތައްތަކެއް އެބަހުރި. އެހެންވީމާ ކަރިކިއުލަމް އަށް ބޭނުންވާ އެކި ކަންކަން އެ ފަރާތްތަކުން ހުށައަޅާނެ. އޭގެ ސަބަބުން ވޯކްޝޮޕްގައި ލިބޭ ސެޓެފިކެޓް ލެވެލް ތިނެއްގެ ސެޓްފިކެޓަކީ އެމްކިޔުއޭ އިން ގަބޫލުކުރާ ފެންވަރުގެ އެއްވަކަށް ވެގެން ދާނެ،" އާދަމް މަނިކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަޝްވަރާތަކަށް ފަހު ފިޝަރީޒް މިނިސްޓްރީއާ ގުޅިގެން އޮނިގަނޑު އެކުލަވާލާފައި އެމްކިޔުއޭ އަށް ހުސައަޅާނެ ކަމަށެވެ.